ބީއެމްއެލްގެ ހިއްސާދާރުންނަށް 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފި
29 މާރިޗު 2026 - 11:10

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާގެ މަގުން ރެކޯޑު އަދަދެއްކަމަށްވާ ޖުމްލަ 322،915،200 ރުފިޔާ ބެހުމަށް ހިއްސާދާރުން ފާސްކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި 2 ހިއްސާ ދޫކުރުމަށް ވެސް ފާސްކޮށްފައިވާ ކަމަށެވެ. މިއީ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. މިއީ ބޭންކުގެ މާލީ ނަތީޖާ ވަރުގަދަކަމާއި، ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

Ad by Hajj Corporation
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި އަހަރު ބޭންކުން ހޯދި ވަރުގަދަ މާލީ ނަތީޖާއާއެކު، ހިއްސާދާރުންނަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ދިނުމަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. އަދި މިއީ އެ ބޭންކުގެ ވިޔަފާރީގެ ވަރުގަދަކަމާއި ކަސްޓަމަރުން ބީއެމްއެލް އަށް ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމަށް ފަރުދުންނާއި ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ދިގުމުއްދަތުގެ ފައިދާ ހޯދައިދިނުމުގައި ދެމިތިބޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝަރ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ބޭންކުގެ މި ނަތީޖާއަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން މަސައްކަތްކުރުމާއި ވަރުގަދަ ވިޔަފާރި މޮޑެލްއެއްގެ އިތުރުން، ކަސްޓަމަރުންނާއި ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމަށް ދޭ ސަމާލުކަމުގެ ނަތީޖާއެވެ. މި ކާމިޔާބީއާއެކު، ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޑިޖިޓަލް ޚިދުމަތްތައް ވަރުގަދަކުރުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކަށް އެއްބާރުލުން ދިނުމަށް އިސްކަންދެމުންނެވެ.

.jpg&w=3840&q=75)
