ކާށިދޫގައި ފުލުހަކަށް ވަޅިން ޙަމަލާދީ މަރާލި މައްސަލަ ދެވަނަ ފަހަރަށް ބެލުމުންވެސް ސަމާހުގެ މައްޗަށް ކުށް ސާބިތުވެއްޖެ
29 މާރިޗު 2026 - 13:27

މާލެ އަތޮޅު ކާށިދޫގައި ފުލުހަކަށް ވަޅިން ޙަމަލާދީ މަރާލި މައްސަލަ ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ބެލުމަށް ފަހުވެސް، މުޙައްމަދު ސަމާޙުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނީ، 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް ޕޮލިސް ސާޖަންޓު އާދަމް ޙަލީމަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި، ކ. ކާށިދޫ، ސުވާސާގެ، މުޙައްމަދު ސަމާޙުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި މުޙައްމަދު ސަމާޙުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ، 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު މުޙައްމަދު ސަމާޙު މެރުމަށް އެކޯޓުން ޙުކުމް ކޮށްފައިވެއެވެ. އަދި އެ ޙުކުމަކީ، ނިހާއީ ޙުކުމެއްކަން ކަށަަވަރު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، މުޙައްމަދު ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެ އެކޯޓުން ނިންމާފައިވެއެވެ.
އެ ނިންމުން މުޙައްމަދު ސަމާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލު ކުރުމަށް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ވަނީ ނިންމާފައެވެ.
މުޙައްމަދު ސަމާޙުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، ސާޖަންޓު އާދަމް ޙަލީމްގެ ވާރިސުންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އަންނަ މަހުގެ 2 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

Ad by Hajj Corporation

.jpg&w=3840&q=75)
