މަޖިލީސް މެންބަރުންގެ ރީ-ކޯލް ވޯޓެއް ތައާރަފުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށް: ރައީސް
30 މާރިޗު 2026 - 05:36

ރައްޔިތުންގެ ބޭނުންވެއްޖެ ޙާލަތެއްގައި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބުން އަދި ކައުންސިލް ތަކަށް އިންތިކާބުކުރާ މެންބަރުން މަގާމުން ވަކިކުރެވޭނެ ރީ-ކޯލް ވޯޓެއް ތައާރަފުކުރުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ، މިވަގުތު މިކަން ކުރެވެން އޮތީ ހަމައެކަނި ސުޕްރީމް ކޯޓާ ހަމައިންކަން ފާހަގަކުރައްވާ، ރައްޔިތުން އަތުގައި މި ބާރު އޮތުން މުހިންމު ކަމަށް ވިދާޅުވެފައެވެ. މިކަން މިފަދައިން އޮތުމަކީ ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާނެ ގޮތް ކަމަށް ރައިސް ވިދާޅުވިއެވެ.

Ad by Hajj Corporation
މިއީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރުވެސް ކަން ކުރެވެމުންދާ ގޮތެއް ކަމަށާއި ރާއްޖެއަށް މިފަދަ ނިޒާމެއް ތައާރަފުކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި ވޯޓުގެ ހުރިހާ ކަމެއްގެ ތަފްސީލުތައް، މިކަން ކުރަމުންދާ ގައުމުތަކުގެ މިސާލަށް ބަލައިގެން މަޝްވަރާކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މަޝްވަރާކުރެވެމުންދާ ތަފްސީލުތަކަށް ބަލާއިރު، ވޯޓު ނަގަން ހުށަހެޅުމަށް ބޭނުންވާނީ ދާއިރާގެ ކިތައް އިންސައްތަ ރައްޔިތުންގެ ސޮއި ކަމާއި، މަޖިލީހަށް މައްސަލަ ހުށަހަޅާ ހިސާބުން، މެންބަރު ވަކިކުރުމަށް ބޭނުންވާ އަޣުލަބިއްޔަތާއި، ވޯޓުގައި ބައިވެރިވާން ޖެހޭނެ މަޖިލީހުގެ ހާޒިރީގެ ނިސްބަތް ފަދަ ކަންކަން ސާފުވެފައި އޮތުން މުހިންމުކަން ރައިސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވޯޓު ނަގަން ހުށަހެޅޭނީ ކޮންކަހަލަ ހާލަތްތަކެއް މެދުވެރިވެގެންކަން ސާފުކޮށް އެނގެން އޮތުންވެސް މުހިންމުކަމަށް ރައިސް ވިދާޅުވިއެވެ.
މި ހުރިހާ މަޝްވަރާތަކަކަށް ފަހު، މިމައްސަލަ މިހާރު ކުރިއަށްދާ މަޖިލީހުގެ ދައުރުގެ ތެރެއަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

.jpg&w=3840&q=75)
