އެފޯޑަބަލް ހައުސިންގ މަޝްރޫއު ހިންގަނީ ހަމައެކަނި ރެގިއުލޭޓަރީ ޝަރުތެއް ފުރިހަމަކުރުމަށް ނޫން: ބީއެމްއެލް
30 މާރިޗު 2026 - 17:27

އެފޯޑަބަލް ހައުސިންގ މަޝްރޫއު ހިންގަނީ ހަމައެކަނި ރެގިއުލޭޓަރީ ޝަރުތެއް ފުރިހަމަކުރުމަށް ނޫން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިހެން ވިދާޅުވީ ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 1,190 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މި މަޝްރޫޢަށް ހަލުވި މިނެއްގައި އަމަލީ ސިފަ އަންނަމުންދާ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، ގައުމުގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން މި މަޝްރޫއުގައި ބައިވެރިވީ ހަމައެކަނި ރެގިއުލޭޓަރީ ޝަރުތެއް ފުރިހަމަކުރުމަށް ނޫންކަމަށާއި، އެއީ ބޭންކުން ފަޚުރުވެރިކަމާއެކު އަދާކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމަށް ދެކިގެން ކަމަށެވެ. އަދި ގައުމެއްގެ އިގްތިސާދީ ކުރިއެރުމާއި، އެ ގައުމެއްގެ ބޭންކިން ނިޒާމު ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ޤައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ، ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު ކަމަށެވެ.

Ad by Hajj Corporation
ޖުމްލަ 3,260 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫއުގެ ތަފްސީލް ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 1,706 ޔުނިޓެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިރޭ ބިންގާ އެޅުނު 1,190 ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ބާކީ ހުރި 364 ޔުނިޓްގެ ބިންގާ މާދަމާ ރޭ އެޅިގެންދާނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީއަށް ކުރެވޭ މިފަދަ މުހިންމު މަސައްކަތްތަކުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް، ވަރަށް އަވަސްމިނެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށް ޝުކުރު އަދާކުރެެއްވިއެވެ.
ހަމައެއާއެކު 'އެންމެނަށް ބޯހިޔާވަހިކަން' ކަށަވަރުކޮށްދެއްވުމަށް، ރައީސް ވެވަޑައިގެންފައިވާ ވަޢުދަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާ، މިއަދު މިދެކޭ ކުރިއެރުން ތަކަކީ، އެމަނިކުފާނުގެ އިސްނެންގެވުމާއި، ވަށައިޖެހޭ ތަޞައްވުރާއި، ރައްޔިތުން ބޭނުންވާ މުހިއްމު ކަންތައްތައް ފުރިހަމަކޮށްދެއްވުމަށް، އެއްވެސް މަޑުޖެހުމެއްނެތި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ހެޔޮ ނަތީޖާ ކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

.jpg&w=3840&q=75)
