ބޭރު ފައިސާ ހަމަހަމައަށް ފޯރުކޮށްދިނުމަށް ބީއެމްއެލުން ގިނަ ފިޔަވަޅުތަކެއް
2 މޭ 2026 - 10:50

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުން ހާމަކުރި ގޮތުގައި، މޯލްޑިވްސް އިމިގްރޭޝަނާ އެކު ޤާއިމުކުރެވުނު ޑިޖިޓަލް އިންޓެގްރޭޝަނާ އެކު، ރާއްޖެއިން ބޭރުގައި ޕީ.އޯ.އެސް އަދި އޭ.ޓީ.އެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް ހަމައެކަނި ރާއްޖެއިން ބޭރުގައި ތިބޭ އިރު އެކްޓިވް ވާ ގޮތަށް ހަމަޖައްސާނެއެވެ. އެހެންކަމުން ރާއްޖޭގައި ތިބޭ ބޭފުޅުންގެ ކާޑު، ކާޑުގެ ވެރިފަރާތާ ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތް ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

Ad by Hajj Corporation
މީގެ އިތުރުން ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތް ކިޔަވާ ކުދިންނަށް ޚާއްޞަ ލިމިޓަކާ އެކު ސްޓޫޑެންޓް ކާޑު ދޫކުރާނެ ކަމަށާއި، އެ ކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. ސްޓޫޑެންޓް ކާޑު ދޫކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
ބީއެމްއެލުން ބުނި ގޮތުގައި ވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން ވަރަށް ގިނަ ޢަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާ ގަންނަމުންދެއެވެ. އެހެންކަމުން ނިސްބަތުން މަދު ފަރާތްތަކަށް ގިނަ ޢަދަދެއްގެ ބޭރު ފައިސާ ވިއްކެމުންދާތީ، އެ ސައިޓްތަކުން ވިޔަފާރި ކުރުމަށް ކޮންމެ ދުވަހަކަށް ބަޖެޓެއް ކަނޑައެޅޭނެއެވެ. އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލެއް ނުގެންނާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަނަށް ވުރެ ގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ ތިން އިންސައްތައަށް ވުރެ މަދު ޢަދަދެއް ކަމަށާއި، ހަމަހަމަ ގޮތެއްގައި ބޭނުންކުރެވޭނެ ނިޒާމެއް ހަމަޖެއްސުމަށް ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. މީގެ އިތުރުން ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތައް ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާ ނުލައި ބޭނުންކުރެވޭނެއެވެ.
ބީއެމްއެލުން ހާމަކުރި ގޮތުގައި، ގިނަ ކްރެޑިޓް ކާޑު ގެންގުޅޭ ފަރާތްތަކަށް ހުރިހާ ކާޑަކުން ވެސް ބޭނުންކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމުން، އެއް ކާޑަށް ވުރެ ގިނަ ކާޑު ގެންގުޅޭ ފަރާތްތަކަށް ހަމައެކަނި އެއް ކާޑަށް އަހަރީ ފީ ނެގުމަށާއި އިތުރު ކާޑުތަކަށް އަހަރީ ފީ ނުނަގާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ޓީޓީތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖައްސާ އިރު، ބޭރު ފައިސާ ހަމައަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށް ހުރިހާ ގަޑިއެއްގައި ފޮނުވޭނެ ކަމަށާއި، ޓީޓީ ސްޕްލިޓްކޮށްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.


