logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ދައުލަތުގެ އާމްދަނީ 10 އިންސައްތަ އިތުރުވެ، 10 ބިލިއަން ރުފިޔާއަށް

އައިޝަތު އިނާޝާ
1 އޭޕްރީލު 2026 - 05:29
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް

ދައުލަތުގެ އާމްދަނީ 10.2 އިންސައްތަ އިތުރުވެ، 10.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން 26 މާރިޗު އާ ހަމައަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.  

ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 10.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 9.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.2 އިންސައްތަ އިތުރު އަދަދެކެވެ. ހަމައެއާއިއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 2.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 8.6 ބިލިއަން ރުފިޔާއެވެ. މިއީ ޖުމްލަ އާމްދަނީގެ 81 އިންސައްތައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާމްދަނީ އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަށް ބަލާއިރު، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތުގައި ލިބުނު 2.7 ބިލިއަން ރުފިޔާ އަޅާބަލާއިރު 23.9 އިންސައްތަ އިތުރުވެ، 3.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މުދަލާއި ޚިދުމަތުގެ ޓެކުހުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދާއިރާއެވެ. މީގެ އިތުރުން، ނޮން-ރެސިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59.0 އިންސައްތަ އިތުރުވެ، 324.8 މިލިއަން ރުފިޔާއިން 516.4 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 14.7 އިންސައްތަ އިތުރުވެ، 332.5 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ވަނީ މަތިވެފައެވެ.

ޚަރަދުތަކަށް ބަލާއިރު، މި އަހަރުގެ މާރިޗު 26 އާ ހަމައަށް ޖުމްލަ 8.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށެވެ. އެއީ 3.2 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 8.8 އިންސައްތަ އިތުރުވެ 891.2 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދުތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ބިން ހިއްކުމާއި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 137.5 އިންސައްތަ އިތުރުވެ، 442.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސޮވެރިންގް ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ޖުމްލަ 520.6 މިލިއަން ރުފިޔާއަށްވާ ޑޮލަރު ވަނީ ޖަމާކޮށްފައެވެ. މީގެ ތެރޭގައި ފާއިތުވި ހަފުތާގައި ޖަމާކުރި 95.5 މިލިއަން ރުފިޔާ ހިމެނެއެވެ. އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ އާމްދަނީ 10 އިންސައްތަ އިތުރުވެ، 10 ބިލިއަން ރުފިޔާއަށްޚަބަރު | 2 ގަޑިއިރު ކުރިންޚަރަދު ކުޑަކުރުމަށްޓަކާ ރާއްޖޭން ބޭރަށް ކުރާ ދަތުރުތަށް ހުއްޓާލައިފި!ޚަބަރު | 7 ދުވަސް ކުރިންޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުވެ، ފީގެގޮތުގައި ލިބުނު އަދަދު %40 ދަށަށްވިޔަފާރި | 11 ދުވަސް ކުރިންއެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | 18 ދުވަސް ކުރިން