ސަރުކާރުގެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ސަރުކާރަށް ތާއީދުކުރާ ކައުންސިލެއް ހޮވައިގެން: ޢަފޫ
2 އޭޕްރީލު 2026 - 02:51

ސަރުކާރުގެ ތަސައްވުރުގައި ކުލަ ޖެއްސޭނީ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމިދު ވިދާޅުވެއްޖެ އެވެ.

Ad by Hajj Corporation
މެމްބަރު މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަފޫ ވިދާޅުވީ ކޮންގްރެސް ޕާޓީން ވެރިކަމަށް އައީ ވަކި ތަސައްވުރަކާ އެކުގައި ކަމަށާއި، އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކޮށް މަޖިލީހުގެ ތަޅުމަށް ވަނީ ވެސް އެ ތަސައްވުރަކާ އެކުގައި ކަމަށެވެ. ހަމައެހެންމެ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރުމަށް ނިކުމެތިބީ ވެސް ހަމަ އެ ތަސައްވުރަކާ އެކުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޢަފޫ ވިދާޅުވީ، އެކަން އެހެން ނުވެއްޖެ ނަމަ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ބައެއް ކައުންސިލުތަކުން ސަރުކާރާ މުއާމަލާތު ނުކުރާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ އަލުގަނޑުމެންގެ ހިތު ނިޔަތް ސާފުވީމަ، އަޅުގަނޑުމެން ދެކޭ ގޮތް ސާފުވީމަ ދެން ތިބޭ ބަޔަކު ކަންކުރާނީ އެގޮތައް ކަމަށް. އަޅުގަނޑުމެން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތަފާތުކުރުމެއް ނުގެންގުޅެން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން އެބަދޭ ސިޔާސީ ފިކުރުގެ ސަބަބުން، ސިޔާސީ ކުލައިގެ ސަބަބުން، ސިޔާސީ ވިސްނުމުގެ ސަބަބުން އަޅުގަނޑުމެންނާ މުއާމަލާތު ނުކުރާ ދަރަޖައަށް އެބަދޭ ބައެއް ކައުންސިލުތަކުން. ނުވަތަ އަޅުގަނޑުމެން ކުރިއަށްގެންދާ މަޝްރޫއުތަކަށް ހުރަސްއަޅައި ޖެއްސުންކުރޭ އެބަ ބައެއް ކައުންސިލުތަކުން،" ޢަފޫ ވިދާޅުވި އެވެ.
މެމްބަރު ޢަފޫ އިތުރަށް ވިދާޅުވީ މިފަދަ ހުރަސްއެޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތިތައް ކެނދިކުޅުދޫގެ ރައްޔިތުން ތަހައްމަލުކުރާތަން ދެކެން ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން، ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރިއަށް އޮތް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް އޭނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

.jpg&w=3840&q=75)
