ކޮރަޕްޝަން ނައްތާލުމަށާއި ޑިމޮކްރެސީ ހަރުދަނާކުރުމަށް ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށްދިނުމަށް ރައީސްގެ އިލްތިމާސް
2 އޭޕްރީލު 2026 - 03:18

ޤައުމުގެ މުސްތަޤްބަލު އުޖާލާކޮށް ޑިމޮކްރެސީ ހަރުދަނާ ކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށްޓަކައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ އިލްތިމާސް ކުރައްވައިފިއެވެ.
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ފެންނަ" ކަމަށް ވޯޓު ދިނުމަކީ ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި މި ވޯޓަކީ ސިޔާސީ ވިސްނުމަށްވުރެ ބޮޑަށް ޤައުމީ މަސްލަޙަތަށް އިސްކަންދީގެން ގޮތް ނިންމަންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މީގެ ސަބަބުން މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް މަގުފަހިވެ، ސުޕަ މެޖޯރިޓީގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން، ދެ އިންތިޚާބު ވަކިން ބޭއްވުމުގެ ސަބަބުން މަޖިލީހުގެ ތެރެއިން ސަރުކާރަށް ކުރިމަތިވާ ހުރަސްތަކާއި ޤައުމަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް މި ބަދަލު ނުހަނު މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ނިންމުންތައް ނިންމަވަނީ ސިޔާސީ މަންފާއަށް ބައްލަވައިގެން ނޫން ކަމަށެވެ. "އޭގެ މިސާލަކީ ވޭޕް މަނާކުރުމާއި ދުންފަތުގެ ޤާނޫނަށް ގެނައި ބަދަލުތައް،" ރައީސް ވިދާޅުވިއެވެ. ޑިމޮކްރެސީ ހަރުދަނާކޮށް ކޮރަޕްޝަން ނައްތާލުމަށްޓަކައި މި ބަދަލަށް ތާއީދުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
ޖަލްސާ ނިންމަވާލައްވަމުން ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ކައުންސިލް އިންތިޚާބަށްވުރެ ބޮޑަށް މި ވޯޓާ ދެކޮޅަށް މަސައްކަތް ކުރަނީ ރާއްޖެއަށް އަންނަ ހެޔޮ ބަދަލުތަކަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ.

.jpg&w=3840&q=75)
