އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިސްކަންދޭނަން: ރައީސް
2 އޭޕްރީލު 2026 - 09:48

އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ވޯލްޑް އޯޓިޒަމް އެވެއާނެސް ޑޭ ނުވަތަ ދުނިޔޭގެ އޯޓިޒަމާމެދު އާންމުން ހޭލުންތެރިކުރުވުމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
އެމަނިކުފާނުގެ ޕޯސްޓުގައި އޯޓިޒަމް ހުންނަ ކުދިންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވާފައިވެއެވެ.
އަދި ކޮންމެ މީހަކީވެސް އެމީހަކަށް ބޭނުންވާ އަޅާލުމާއި، އިހުތިރާމާއި، އުނގެނުމާއި ކުރިއެރުމުގެ ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެ މީހެއްކަމަށާއި،މީގެ އިތުރުން މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު އެފަރާތްތަކަށް އޮންނަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގޭތެރެއާއި ސްކޫލްތަކުން ފެށިގެން މަސައްކަތުގެ މާހައުލާއި އާންމު ތަންތަނާ ހަމައަށް، އެންމެން ބައިވެރިކުރުމުގެ ސަގާފަތެއް އުފެދިގެންދަނީ ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި މާނަހުރި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
މީގެއިތުރުން އޯޓިޒަމް ހުންނަ ކުދިންނަށް އެންމެ ތުއްތު އިރުން ފެށިގެން ދޭންޖެހޭ ފަރުވާ ނުވަތަ އަރލީ އިންޓަވެންޝަނާއި ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ހަމައެކަނި އެ ފަރުދުންނަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ އިޖުތިމާއީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވެސް ސްކޫލްތަކުގެ އިންކްލޫސިވް އެޑިއުކޭޝަން އޮނިގަނޑު ވަރުގަދަކުރުމަށާއި، މަސައްކަތްތެރިކަމުގެ ތަމްރީނުތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކޮންމެ މީހަކީވެސް އިހުތިރާމާއި، މަޤުޞަދެއް އޮތް، އަދި މުޖުތަމައުގެ ބައެއްގެ ގޮތުގައި އިހުސާސްކުރެވޭނެ ފަދަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް މީހަކަށް ހެދުމަށްޓަކައި، ކަރާމާތާއި ހަމަހަމަ ފުރުސަތުތަކަށް ވަކާލާތުކުރުމުގައި ދެމިތިބުމަށް ވަނީ ގޮވާލައްވާފައެވެ.
މިއަހަރުގެ އޯޓިޒަމާމެދު އާންމުން ހޭލުންތެރިކުރުވުމުގެ ދުވަހުގެ ޝިއާރަކީ "އޯޓިޒަމް އަދި އިންސާނިއްޔަތު - ކޮންމެ ފުރާނައަކީވެސް އަގުހުރި އެއްޗެއް" މިއެވެ.
ފާއިތުވި އަހަރުތަކުގައި މިކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާއިރު، މީގެ ބޮޑު ހިއްސާއެއް ވަނީ އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކަށެވެ. އެފަރާތްތަކުން ވަނީ އޯޓިޒަމް ހުންނަ މީހުންގެ ދިރިއުޅުމުގެ ތަޖުރިބާތައް ދުނިޔޭގެ ފެންވަރުގެ މަޝްވަރާތަކުގެ ކުރިމައްޗަށް ގެނައުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކޮށްފައެވެ.

.jpg&w=3840&q=75)
