ބީއެމްއެލްގެ އެންއޯޕީ ހުރީ ހަރުދަނާ މިންވަރެއްގައި – ބީއެމްއެލް
2 އޭޕްރީލު 2026 - 12:50

ގައުމީ ބޭންކު - ބީއެމްއެލްގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އާއި، ޑޮލަރުގެ ލިކުއިޑިޓީ ވަރަށް ހަރުދަނާ މިންވަރަކަށް ބެހެއްޓިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން މިއަދު ބުނެފައިވަނީ، ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތު ކަމަށެވެ. މި ޕޮޒިޝަނުން ދައްކުވައިދެނީ ބޭންކުގައި ބޭރުފައިސާ ވިއްކުމުގެ ގާބިލުކަން ލިބިފައިވާ މިންވަރު ކަމަށާއި އަދި މިއީ ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަން ފައިދާ ނުވަތަ ގެއްލުން ވެދާނެ މިންވަރު ދައްކައިދޭނެ މިންގަނޑެއް ކަމަށް އެ ބޭންކުން ބުންޏެވެ.

Ad by Hajj Corporation
މިއީ ބޭންކުން ޔޫއެސްޑޮލަރ ދޫކުރުމަށް ހުރި ގާބިލުކަން އަންގައިދޭ މިންގަނޑެއް ނޫން ކަމަށާއި މިއާ ޚިލާފަށް، ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި އަދި ބޭރަށް ފައިސާ ފޮނުވުމާއި، އަދި ބޭންކުން ލޯނުދޫކުރުން ފަދަ ކަންތައްތައް ކުރުމުއްދަތެއްގައި ކުރުމަށް ބޭންކަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ލިބިފައިވާ ގާބިލުކަން ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ. މި ދެ މިންގަނޑަކީވެސް ބޭންކުގެ މާލީ ދުޅަހެޔޮކަމާއި، ރިސްކް ޕްރޮފައިލް ވަޒަންކުރުމުގައި ބޭނުންކުރާ މުހިންމު މިންގަނޑުތަކެއް ކަމުގައި ވީނަމަވެސް، މިއިން ކޮންމެ މިންގަނޑަކުންވެސް ހާސިލުކޮށްދެނީ ތަފާތު މަގުސަދުތަކެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބޭންކްގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ ދަށްމިންވަރަކަށް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން %20- އަށްވެއްޓު ކަމަށާއި މިއިން އަންގައިދެނީ 2024 ސެޕްޓެންބަރުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކިފައިވާކަން ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި، އެ ވަގުތު ބޭންކަށް އޮތް ނުރައްކަލަކީ، ދިވެހި ރުފިޔާގެ އަގު ދަށްވެއްޖެ ނަމަ، ބޭންކަށް ފޮރިން އެކްސްޗޭންޖް ގެއްލުންތަކެއް ލިބުމެވެ. އެކަމަކު އެ ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ބޭންކުގެ ލިކުއިޑިޓީއާ ނުވަތަ ކަސްޓަމަރުން ބޭނުންވާ ވަރަށް ފައިސާ ނެގުމާއި ބޭންކުން ފޮނުވަން ޖެހޭ ފައިސާ ފޮނުވުމުގެ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ނެތުމެއް ނޫނެވެ.
އެންއޯޕީ ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން އިސްނަގައިގެން އެކި އިދާރާތަކާ ގުޅިގެން ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިގޮތުން، ބޭންކުން ކުރެވުނު ވިޔަފާރީގެ މުޢާމަލާތްތަކާއި އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ ފުރިހަމަ އެހީތެރިކަމާއެކު، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެންއޯޕީ ވަނީ ލޯންގ ޕޮޒިޝަން (އިތުރަށް ޑޮލަރު ގަނެފައިވާ ޕޮޒިޝަން) އަކަށް ގެނެސްފައެވެ. އޭގެފަހުން ވެސް މި އަހަރު ތެރޭގަވެސް ބޭންކުން އެންއޯޕީވަނީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަޑަށްވުރެ މާރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައެވެ. އަދި މިވަގުތުވެސް ވަނީ އެންމެ ރަނގަޅު މިންވަރުގައި ހިފެހެއްޓިފައެވެ. އަދި ހަމައެހެންމެ، އެންއޯޕީ ޝޯޓް ޕޮޒިޝަން ރަނގަޅު ކުރުމުގެ އިތުރުން، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ކޯޕަރޭޓް ކުންފުނިތަކުގެ ބޭނުންތަކަށް، ޓީޓީ ހެދުމާއި ކާޑުތަކުގެ ބޭނުންތައް ހިމެނޭހެން، ޖުމްލަ 600 މިލިއަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރު މިދިޔައަހަރު ވިއްކައިގެން ބޭންކުގެ ވިޔަފާރި މުއާމަލާތްތައް ހިންގާފައިވާކަން ބޭންކުން ފާހަގަކުރެއެވެ.
ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީއަކީ ތަފާތު ފަންޑިންގ ވަސީލަތްތަކާއި، ހަރުދަނާ ޓްރެޜަރީ އޮޕަރޭޝަންތަކާއިއެކު، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންދާކަމެއްކަން ބޭންކުން ފާހަގަކުރެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، އެއްވެސް މެދުކެނޑުމެއް ނެތި ކަސްޓަމަރުންނާއި މާކެޓުގެ ބޭނުންތައް ފުއްދައިދިނުމުގެ ގާބިލުކަން ބޭންކަށް ލިބިގެންވެއެވެ. ޚާއްސަކޮށް، އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އަލަށް 365 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނު ދޫކޮށްފައިވެއެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ މި ބޭންކުގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވާކަން ފާހަގަކުރުން މުހިންމެވެ.
28 މާރިޗު 2026 ގައި ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ފާހަގަކުރެއްވި ފަދައިން، ބޭންކުގެ މާލީ ހާލަތު އޮތީ ވަރަށް ހަރުދަނާކޮށެވެ. ބޭންކުގެ 43 އަހަރުވީ ތާރީހުގައި ނުދެކޭ ފަދަ ރެކޯޑް ނަތީޖާތަކެއް ބޭންކުން ވަނީ މިދިޔަ އަހަރު ހޯދާފައެވެ. މިއީ ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕެޓައިޓާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، އަދި ބައިނަލްއަގުވާމީ ސްޓޭނޑަރޑް ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިފެހެއްޓިފައިވާ ހަރުދަނާ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯތަކުގެ އެހީގައި ހޯދާފައިވާ ކާމިޔާބީއެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި އެ ބޭންކުން އަބަދުވެސް ދެމިއޮންނާނީ ދެފުށް ފެންނަ، ހަރުދަނާ މާލީ މެނޭޖްމަންޓެއް ގާއިމުކުރުމަށާއި، ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި ބެންކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުމުގައެވެ.

.jpg&w=3840&q=75)
