500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ޚަލާސްކޮށްފި
2 އޭޕްރީލު 2026 - 15:38

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި މުޅިން ޚަލާސްކޮށްފައިވާކަމަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ވަނީ ދައްކައި ނިންމާފައެވެ. މި ފައިސާ ދެއްކުމާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށް ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގެ އިތުރުން ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.
މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ. ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށް ބުރަ ނުވާނެ ގޮތަށް ދަރަނި އަދާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ގެނައި ބަދަލުތައް ހިމެނެއެވެ.
ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރަސްމީ ރިޒާވް މިހާ މަތީ މިންވަރަކަށް އިތުރުވި ފުރަތަމަ ފަހަރެވެ.
ސުކޫކު އަދާކުރުމަށްފަހު، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި އިޤްތިޞާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް ކަމަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވުނު މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމިފައިވާކަމަށް ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
ދުނިޔޭގެ އިޤްތިޞާދީ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގެ މާލީ ސިޔާސަތުތައް ބައްޓަންކޮށް، ފިސްކަލް އަދި އިޤތިޞާދީ ހަމަޖެހުން ދެމެހެއްޓުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން، ވުޒާރާގެ ބަޔާނުގައި ދީފައިވެއެވެ. މީގެ އިތުރުން މެދު ރާސްތާގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު ދަށްކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation

.jpg&w=3840&q=75)
