"އޮސްޓިއޯންކްރޯސިސް" ސަރޖަރީގެ އެންމެ ފަހުގެ ވަސީލަތްތައް ރާއްޖެއަށް
3 އޭޕްރީލު 2026 - 03:56

އުކުޅުވަޅު ހުޅުގެ ހަލާކުވަމުންދާ ކަށި ނުވަތަ "އޮސްޓިއޯންކްރޯސިސް" އަށް ފަރުވާދިނުމަަށްޓަކައި، "ކޯ ޑިކޮމެޕްރެޝަން ސަރޖަރީ" ގެ އެންމެ ފަހުގެ ވަސީލަތްތައް، އައިޖީއެމް ހޮސްޕިޓަލް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސްފައިވާކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޙަލީމް ވިދާޅުވީ، މި ފަރުވާގައި ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން ހަލާކުވަމުންދާ ކަށި ސާފުކުރުމަށްފަހު، "ބޯން ގްރާފްޓް" އަދި "ޕީ.އާރު.ޕީ(PRP) " މެދުވެރިކޮށް އާ ކަށި އުފެއްދުމަށް މަގުފަހިކޮށްދޭނެ ކަމަށާއި، މިއީ 'މިނިމަލީ އިންވޭސިވް' ނުވަތަ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފައިގެން ކުރިއަށްގެންދާ ސާޖަރީއަކަށް ވުމުން ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ފަރުވާއަށްފަހު އަވަހަށް ފަސޭހަވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

Ad by Hajj Corporation
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، މިފަދަ ޒަމާނީ ފަރުވާތައް ދިވެހި ރައްޔިތުންނަށް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމާއި އެހީތެރިކަމަށް، ޙަލީމް ވަނީ ރައީސްއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވާފައެވެ.
މީގެ އިތުރުން އައިޖީއެމްއެޗްގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލަށް މި ޚިދުމަތް ތަޢާރަފުކުރުމުގައި، އެ ދެ ހޮސްޕިޓަލުގެ ކަށީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓުގެ ހީވާގި ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ޓެކްނިކަލް މުވައްޒަފުންގެ އަދި މިކަމުގައި ބައިވެރިވި ހުރިހާ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާ، އެ ފަރާތްތަކަށް ޙަލީމް ޝުކުރު އަދާކުރައްވާފައި ވެއެވެ.
ޙަލީމްގެ ޕޯސްޓު ނިންމާލައްވާފައިވަނީ، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށް ވިދާޅުވަމުންނެވެ.
"އޮސްޓިއޯންކްރޯސިސް" ނުވަތަ "އެވެސްކިއުލަރ ނެކްރޯސިސް" އަކީ، ލޭ ނުލިބުމުގެ ސަބަބުން ބޯން ޓިޝޫ މަރުވުމެވެ. މިކަން އާންމުކޮށް ދިމާވަނީ އުނަގަނޑަށް، ކަކުލަށް ނުވަތަ ކޮނޑު ހުޅަށެވެ. މިކަން ދިމާވުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި، ކަށިގަނޑެއް ބިންދައިން ދިއުން ނުވަތަ ހުޅުން ނެއްޓުން، ބައެއް ކަހަލަ ބޭސްތައް ގިނަ މުއްދަތަކަށް ނުވަތަ ހައި ޑޯސް އެއްގައި ބޭނުންކުރުން، ދިރިއުޅުމުގެ އާދަކާދަތައް ހިމެނޭއިރު، ބައެއް ހާލަތްތަކުގައި ވަކި ސަބަބެއް ނޭނގިވެސް މިކަން މެދުވެރިވެއެވެ.

.jpg&w=3840&q=75)
