ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އިޓަލީގެ އެފްއޭގެ ރައީސާއި ބުފޮން އިސްތިއުފާ ދީފި
3 އޭޕްރީލު 2026 - 06:09

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވުމަށް އިޓަލީ ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ) ގެ ރައީސް ގަބްރިއޭލް ގްރަވީނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ ކޮލިފައި ނުވީ، މިދިޔަ އަންގާރަ ދުވަހު ކުޅުނު ޕްލޭ-އޮފް ފައިނަލްގައި ބޮސްނިއާ-ހެރްޒެގޮވީނާ އަތުން ޕެނަލްޓީ ޖަހައިގެން 4-1 އިން ބަލިވުމުންނެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި މުބާރާތް ކާމިޔާބުކޮށްފައިވާ ގައުމެއް ޖެހިޖެހިގެން ތިން މުބާރާތުން ފުރުސަތު ނުލިބި ބާކީވި ފުރަތަމަ ފަހަރެވެ. އިޓަލީއަށް ވަނީ 2018 ވަނަ އަހަރުގެ ރަޝިއާ ވޯލްޑް ކަޕާއި 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕުން ވެސް ފުރުސަތު ގެއްލިފައެވެ. މި ނާކާމިޔާބީއާ ގުޅިގެން، ގައުމީ ޓީމުގެ ޑެލިގޭޝަން ހެޑްގެ މަގާމުގައި ހުރި ކުރީގެ މަޝްހޫރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވެސް ވަނީ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދީފައެވެ.

Ad by Hajj Corporation
އުމުރުން 48 އަހަރުގެ ބުފޮން އިންސްޓަގްރާމް މެދުވެރިކޮށް ބުނީ، ގްރަވީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ޒިންމާދާރުކަމުގެ ގޮތުން އޭނާ ވެސް މަގާމުން ވަކިވާން ނިންމީ ކަމަށެވެ. "އަހަރެމެންގެ މައިގަނޑު އަމާޒަކީ އިޓަލީ އަލުން ވޯލްޑް ކަޕަށް ގެންގޮސްދިނުން. ނަމަވެސް އެކަން ކާމިޔާބެއް ނުވި،" 2006 ވަނަ އަހަރު އިޓަލީއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ބުފޮން ބުންޏެވެ. އޭނާ އިތުރަށް ބުނީ އާ މީހަކަށް އެ މަގާމަށް އައުމުގެ ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ޔުއެފާގެ ފަސްޓް ވައިސް ޕްރެޒިޑެންޓްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އުމުރުން 72 އަހަރުގެ ގްރަވީނާ އިސްތިއުފާ އިއުލާން ކުރެއްވީ ރޯމްގައި ހުންނަ އެފްއައިޖީސީގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމަކަށްފަހުއެވެ. އޭނާ މި މަގާމާ ހަވާލުވީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އެއީ އޭގެ ކުރީ އަހަރު ސްވިޑަން އަތުން ބަލިވެ އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އޭރުގެ ރައީސް ކާލޯ ޓަވެކިއޯ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ގްރަވީނާގެ ދައުރުގައި އިޓަލީން ވަނީ ޔޫރޯ 2020 ކާމިޔާބުކޮށްފައެވެ. ނަމަވެސް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އެ އިދާރާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ގްރަވީނާ ވިދާޅުވީ، ޓީމު ކޮލިފައި ނުވި ނަމަވެސް މިހާރުގެ ކޯޗު ޖެނާރޯ ގަޓޫސޯ މަގާމުގައި ދެމިހުރުމަށް އޭނާ އެދިވަޑައިގެންފައިވާ ކަމަށެވެ.
އެފްއައިޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު ޖޫން މަހުގެ 22 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. މި މަގާމަށް އައުމަށް އެންމެ ބޮޑަށް ބެލެވޭ އެކަކީ އިޓަލީގެ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް ޖިއޮވާނީ މަލާގޯ އެވެ.

.jpg&w=3840&q=75)
