ޕެނަލްޓީގައި އިންޑިއާ ބަލިކޮށް، ޗެމްޕިއަންކަން ބަންގްލަދޭޝްއަށް
3 އޭޕްރީލު 2026 - 17:43
.jpg&w=3840&q=75)
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށް، ބަންގްލަދޭޝް އިން އަނެއްކާވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ރާއްޖޭގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު ބަންގްލަދޭޝް އިން ކާމިޔާބުކުރީ 3-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެޗު ފެށިގެން ނިމެންދެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި ހަލުވި ކުޅުމެކެވެ. އިންޑިއާއިން ކުރިއަށް ޖެހި ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއިރު، ބަންގްލަދޭޝް އިން ވެސް ވަނީ ލަނޑެއް ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް 90 މިނެޓާއި އިތުރު ވަގުތުގެ ކުޅުން ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

Ad by Hajj Corporation
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި އިންޑިއާގެ ފުރަތަމަ ޕެނަލްޓީ ރިޝީ ސިންގް ފޮނުވާލުމުން ބަންގްލަދޭޝްގެ ކީޕަރު އިސްމާއިލް ހުސެއިން ވަނީ އެ ޕެނަލްޓީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ބަންގްލަދޭޝްގެ ފުރަތަމަ ޕެނަލްޓީ މުރްސެދު އަލީ ކާމިޔާބު ކުރިއިރު، އޭގެ ފަހުން އިންޑިއާގެ އަރްބާޝް، ސަމްސޮން އަދި ވިޝާލް ޔާދަވް ވަނީ އެމީހުންގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ.
ބަންގްލަދޭޝްގެ ޗަންދަން ރޯއީ އާއި އަބްދުލް ރިޔާދު ފަހީމް ވެސް ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، އެ ޓީމުގެ ހަތަރުވަނަ ޕެނަލްޓީ ސެމިއުލް ރަކްސަމް ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ އިންޑިއާގެ ފަސްވަނަ ޕެނަލްޓީ އޮމަންގް ޑުޑަމް ފޮނުވާލުމުން ގޯލާ ނުލާ މާ މަތިން ބޭރަށް ދިއުމުންނެވެ. ބަންގްލަދޭޝްއަށް މުބާރާތުގެ ތަށި ކަށަވަރުކޮށްދިނީ އެންމެ ފަހު ޕެނަލްޓީ ޕެނެންކާ ސްޓައިލަށް ކާމިޔާބުކުރި ރޮނާން ސުލިވަންގެ މޮޅު ޕެނަލްޓީއަކުންނެވެ.

.jpg&w=3840&q=75)
