ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު އައްޔަންކުރައްވައިފި
5 އޭޕްރީލު 2026 - 07:31

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙްމަދު މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އިސްމާއިލް ނަވީން އެ މަޤާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން 3 ބޭފުޅުން އެ މަޤާމަށް ކުރިމަތިލެއްވިއެވެ. އެއީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފްއެވެ.

Ad by Hajj Corporation
އަޙްމަދު މުޙައްމަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އޭނާއަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.
1995 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތް އަޙްމަދު މުޙައްމަދަކީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަން (ތަޙުޤީޤީ) ދާއިރާގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ އަދި ބެޗްލަރ އޮފް ޝަރީޢާ (އޮނާސް) ހާސިލްކުރައްވާފައިވެއެވެ. އަދި އިންޑިއާގެ ސަރްދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން "ބޭސިކް ޓްރޭނިންގ ކޯސް ފޯ އައި.ޕީ.އެސް ޕްރޮބޭޝަނާސް" ފުރިހަމަކުރައްވާފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، އައު ކޮމިޝަނަރާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުއައްސަސާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގައި މުޅި މުއައްސަސާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަޙްމަދު މުޙައްމަދަށް ލިބިގެންދާނެއެވެ.

.gif&w=1920&q=75)
