އިޖުތިމާއީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ކުޅިވަރަކީ ވަރުގަދަ ބާރެއް: ރައީސް
6 އޭޕްރީލު 2026 - 08:50

ކުޅިވަރަކީ ހަމައެކަނި ކުޅޭ ކުޅިވަރެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ މުޅި އުމުރަށް ދެމިގެންދާ ފަންނީ ކާމިޔާބީއާއި، ސުލްހަވެރިކަމާއި، އަދި އެކުވެރިކަން ހޯދައިދޭ ވަސީލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ސްޕޯޓްސް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް ނުވަތަ، ބައިނަލްއަޤްވާމީ ތަރައްޤީއާއި ސުލްޙައަށްޓަކައި ކުޅިވަރުގެ ނަމުގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދުވަހަކީ ޖިސްމާނީ ދުޅަހެޔޮކަމާއި، ސުލްހައާއި، އެއްބައިވަންތަކަން އަދި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަރައްގީ ކުރިއެރުވުމަށް ކުޅިވަރު އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ކުޅިވަރަކީ އެއްވެސް ބޯޑަރެއް ނެތް، އެންމެން ގުޅުވައިދޭ ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ވަބާއާއި، ކޮރަޕްޝަން އަދި ހަރުކަށި ފިކުރު ފަދަ އިޖުތިމާއީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ކުޅިވަރަކީ ވަރުގަދަ ބާރެއްކަމަށް ރައީސް ވިދާޅުވިއެވެ. ޒުވާނުންގެ ކިބައިގައި އަޚުލާގީ ސިފަތަކާއި، ކަންކަމާ ކުރިމަތިލުމުގެ ހިތްވަރާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހާއި، އިހުތިރާމްކުރުމުގެ އާދަ އަށަގަނުވައި، ދުޅަހެޔޮ އަދި މަގްސަދެއް އޮތް ދިރިއުޅުމަކަށް ޒުވާނުން ބާރުވެރިކުރުވުމުގައި ކުޅިވަރުގެ ދައުރު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުޅިވަރުގެ ގާނޫނު ހަރުދަނާކުރުމާއި، "ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑް" ގާއިމުކުރުމުގެ އިތުރުން، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" އަކީ ކުޅިވަރުގެ ފަންނީ ހުނަރާއި ވަފާތެރިކަން ވަޒަންކޮށް، ކާމިޔާބީއަށް އުންމީދުކުރާ ސަގާފަތެއް އުފެއްދުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ.
ކުޅިވަރުގެ މުޖުތަމައު ވަރުގަދަކުރުމަށް ސަރުކާރުން އަޅުއްވާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމާއި، "އަރުތަ" އިންޓަރނޭޝަނަލް ސްކޮލަރޝިޕް ތައާރަފުކުރުމާއި، އަދި އެއްވެސް ޖިންސީ ތަފާތުކުރުމެއް ނެތި ގައުމީ އެތުލީޓުންގެ މުސާރަ ބޮޑުކުރުން ހިމެނެއެވެ.
ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދޭ އެއްބާރުލުން އާކުރައްވައި، ދުޅަހެޔޮ، އެކުވެރި އަދި ދިރުންހުރި ގައުމެއް ބިނާކުރުމަށް ކުޅިވަރުގެ ބާރު ބޭނުންކުރުމަށް ގޮވާލައްވާފައެވެ.

.jpg&w=3840&q=75)
