އިންތިޚާބުގެ އިންތިޒާމުތަކަށް ބޭރުގެ އޮބްޒާވަރުންގެ ތައުރީފް
6 އޭޕްރީލު 2026 - 12:19

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ހުރިހާކަމެއްވެސް ކުރިއަށްދިޔައީ އަމާންކަމާއެކުގައި ކަމަށް ވިދާޅުވެ، އިންތިޚާބުގެ ކަންކަން ބެއްލެވުމަށް ރާއްޖެ ވަޑައިންނެވި ބައިނަލްއަގުވާމީ އޮބްޒާވަރުން ތައުރީފު ކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ އޮބްޒާވަރުން އިންތިޚާބުގައި ފާހަގަކުރެވުނު ކަންކަން އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޮބްޒާވަރުންގެ ޓީމުން ވިދާޅުވީ އެ ޓީމުގެ އެކި މެންބަރުން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާ ހަމައަށް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ވޯޓުލާން ފެށި ވަގުތުން ފެށިގެން ވޯޓު ގުނުމާ ހަމައަށް ޖުމްލަކޮށް ވޯޓުގެ ހުރިހާ ކަމެއްވެސް ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކުގައި ކަމަށް އެ ޓީމުން ފާހަގަކުރިއެވެ.
ރާއްޖޭގެ އިންތިޚާބާބެހޭ ޤާނޫނުތަކަށް ރިއާޔަތްކުރައްވާ، އޮބްޒާވަރުންގެ ފަރާތުން ވާހަކަދައްކަވަމުން އަޒަރުބައިޖާންގެ ސެންޓްރަލް ކޮމިޝަން ފޯ އިލެކްޝަންސްގެ ޑެޕިއުޓީ ޗެއަރމަން ރޮޒްވަޓް ގަސިމޯވް ވިދާޅުވީ އެއްވެސް ޤާނޫނަކާ ޚިލާފު ކަމެއް މި އިންތިޚާބުގައި ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގަސިމޯވް ވިދާޅުވީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށެވެ. އެހެންވެ، އެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް އޭނާ މަރުޙަބާ ވިދާޅުވިއެވެ.
2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް އޮބްޒާވް ކުރެއްވިކަން ފާހަގަކުރައްވާ، ގަސިމޯވް ވިދާޅުވީ އެއް އިންތިޚާބުން އަނެއް އިންތިޚާބަށް ރާއްޖޭގެ ވޯޓުލުމުގެ ކަންކަން އިތުރަށްފުރިހަމަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި އިންތިޚާބުގެ ކަންކަން ބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް 7 ޤައުމަކުން 14 އޮބްޒާވަރުން ވަނީ ރާއްޖެ އައިސްފައެވެ. އަދި ރާއްޖޭގައި ޤާއިމުވެފައިވާ އެކި ޤައުމުތަކުގެ އެމްބަސީތަކުގެ އޮބްޒާވަރުން ހިމެނޭހެން ޖުމްލަ 38 ބައިނަލްއަގުވާމީ އޮބްޒާވަރުން ވަނީ މި އިންތިޚާބުގައި ހަރަކާތްތެރިވެފައެވެ.

Ad by Hajj Corporation

.jpg&w=3840&q=75)
