ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން ބަހެއް ނުބުނި
8 އޭޕްރީލު 2026 - 02:49
އެމެރިކާއާއި އީރާނުން އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ ނިންމުމާ ގުޅޭގޮތުން އިސްރާއީލުން އަދި ރަސްމީ އެއްޗެއް ބުނެފައެއް ނުވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ނިންމުން ނިންމެވިއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށް ކަމެއް ސާފެއް ނޫނެވެ.

Ad by Hajj Corporation
އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ލުުބުނާނުގައި ކުރަމުންދާ ހަނގުރާމަވެސް ހުއްޓާލެވޭނެއެވެ. އިސްރާއީލުގެ އެއްގަމު ސިފައިން މިހާރުވެސް ދަނީ ލުބުނާނުގައި ހަރަކާތްތެރިވަމުންނެވެ.
އިސްރާއީލުގެ ވެރިން މީގެ ކުރިން ބުނަމުން އައީ ހިޒްބުﷲގެ ނުރައްކާ އެއްކޮށް ނައްތާލެވެންދެން ލުބުނާނުން ފައިބައިގެން ނުދާނެ ކަމަށެވެ. އަދި ލުބުނާނުގައި ނުވަތަ އެހެން ތަނެއްގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލަން އެއްބަސްވިކަމުގެ އެއްވެސް އިޝާރާތެއް އިސްރާއީލުން މިހާތަނަށް ދީފައެއް ނުވެއެވެ.
އެމެރިކާއާއި އީރާނުން މިކަން ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަމުން ދިޔަ ނަމަވެސް، ނަތަންޔާހޫއަށް މިއީ ކާމިޔާބީއެއް ކަމަށް ބުނުމުގެ ފުރުސަތު ކުޑައެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ އިއުލާނުކުރައްވަމުން ނަތަންޔާހޫ ބުނެފައި ވަނީ، މި އޮޕަރޭޝަނުގެ މަގްސަދަކީ އީރާނުގެ އަޔަތުއްލޯ ސަރުކާރުގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ނައްތާލުން ކަމަށާއި، ބޭނުންވާ މަގްސަދު ހާސިލުވަންދެން މި މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު އީރާނުގެ އަސްކަރީ ބާރުވެރިކަން އަދިވެސް އެބައޮތެވެ. އަދި އެ ގައުމުގެ ސަރުކާރުވެސް އޮތީ ބަދަލެއް ނައިސް ސާބިތުކަމާއެކުގައެވެ.
މި ރިޕޯޓު ލިޔަމުންދާ ވަގުތުވެސް ގުދުސްއަށް މިސައިލް ހަމަލާތަކެއް ދެމުންދާކަމުގެ އިންޒާރުގެ ރަނގަބީލުތައް ދަނީ އިވެމުންނެވެ. އަދި އީރާނުން ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވަމުންދާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.
އީރާނުގެ އަސްކަރިއްޔާ ބަލިކޮށް، އެ ގައުމުގެ ވެރިކަން ބަދަލުކޮށްލުމަށް އިސްރާއީލާއި އެމެރިކާއަށް އޮތް ގާބިލުކަމާ މެދު ނަތަންޔާހޫއަށް އަންދާޒާކުރެވުނީ ކުށްކޮށް ކަމަށް ބެލެވޭކަމަށް ރިޕޯޓުތަކުގައި ވަނީ ފާހަގަކޮށްފައެވެ.
ޓްރަމްޕް އިޝާރާތް ކުރެއްވި އީރާނުގެ "10 ނުކުތާގެ ހުށަހެޅުމުގެ" މައްޗަށް ބިނާކޮށް ހަނގުރާމަ ނިމުމަކަށް އަތުވެއްޖެ ނަމަ، އެއީ އީރާނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭނެއެވެ.
އަނެއްކޮޅުން، ނަތަންޔާހޫގެ ކެބިނެޓުގައި ތިއްބެވި ހަރުކަށި ފިކުރުގެ މެންބަރުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ދެކޮޅު ހެދުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް ލުބުނާނުގެ މައްސަލަ މި އެއްބަސްވުމުގައި ހިމެނޭ ނަމަ، އިންތިހާބީ އަހަރެއްގައި ނަތަންޔާހޫއަށް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

.jpg&w=3840&q=75)
