ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ލޯންގެ އިކުއިޓީ 5 އިންސައްތައަށް ކުޑަކޮށްފި
8 އޭޕްރީލު 2026 - 11:41

ގައުމީ ބޭންކު - ބީއެމްއެލްގެ ހޯމް ކޮންސްޓްރަކްޝަން ލޯންގެ އިކުއިޓީ 5 އިންސައްތައަށް ކުޑަކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލަ އަށް ކުރަންޖެހޭ ޚަރަދުގެ ނިސްބަތް 5 އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
މިއީ ކުރިން އަމިއްލައަށް ޚަރަދުކުރަންޖެހޭ ގޮތަށް އޮތް 20 އިންސައްތައާ އަޅާބަލާއިރު ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށް އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރުމަކީ ބީއެމްއެލްއިން ނުހަނު އިސްކަންދޭ ކަމެއް ކަމަށާއި އިކުއިޓީ 5 އިންސައްތައަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ޝަރީފް ވަނީ މިސާލެއްގެ ގޮތުން، 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000 ރުފިޔާ ބޭނުންވީ ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާއެކު ފައިނޭންސް ލިބޭނެކަން ފާހަގަކުރައްވާފައެވެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވައެވެ.
ބޭއެމްއެލްއިން ބުނި ގޮތުގައި، ތިން މިލިއަން ރުފިޔާއަށްވުރެ ބޮޑު ހައުސިންގ މަޝްރޫއުތަކަށް ލޯނު ނުވަތަ ފައިނޭންސިންގ ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 އިންސައްތަ އިކުއިޓީއާއެކުގައެވެ. 9 އިންސައްތައިގެ އިންޓްރަސްޓްގެ ރޭޓާއެކު ބީއެމްއެލްއަކީ މިހާރުވެސް ގެދޮރުު ގަތުމަށް ރާއްޖޭގައި އެންމެ ކުޑަ އިންޓްރަސްޓް ރޭޓެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ ބޭންކެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް ބޭންކުން ވަނީ 5 އިންސައްތައަށް ކުޑަކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށް އެ ބޭންކުން ބުނެއެވެ.

.jpg&w=3840&q=75)
