ދިވެހި ފިލްމު "ލިލީ" ވީޑިއޯކްލަބް މެދުވެރިކޮށްސްޓްރީމްކުރަނީ
10 އޭޕްރީލު 2026 - 12:18

ކްރިއޭޓިވް ނެޓްވޯކުން އުފައްދާފައިވާ، ގިނަ ބައެއްގެ ތަރުހީބު ހޯދި ދިވެހި ސައިކޮލޮޖިކަލް ތްރިލަރ ފިލްމު 'ލިލީ'، އޭޕްރީލް މަހުގެ 16 ވަނަ ދުވަހު މީޑިއާނެޓްގެ ވީޑިއޯކްލަބް މެދުވެރިކޮށް އެކްސްކްލޫސިވްކޮށް ސްޓްރީމްކުރަން ފަށަން ނިންމައިފިއެވެ.
މި ފިލްމު ވީޑިއޯކްލަބަށް އައުމާއެކު، ސިނަމާއިން ފިލްމު ބަލާލުމުގެ ފުރުޞަތު ނުލިބުނު ފަރާތްތަކަށާއި، ޚާއްޞަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް މި ފިލްމު ބަލާލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

Ad by Hajj Corporation
ފޮރުވިފައިވާ ސިއްރުތަކާއި ހިތްދަތި ހަގީގަތްތަކެއް
"ބައެއް ސިއްރުތަކަކީ ދުވަހަކުވެސް ފޮރުވިފައި އޮންނާނެ އެއްޗެއް ނޫން" މިއީ މުޖުތަމަޢު ދޫކޮށްލާ ލަކުނުތަކާ ބެހޭގޮތުން އުފައްދާފައިވާ މި ތްރިލަރގެ ޓެގްލައިންއެވެ. މި ފިލްމުން ކިޔައިދެނީ ކުޑައިރު ޖިންސީ ގޯނާ އާއި، ޖިސްމާނީ އަދި ނަފްސާނީ އެތައް އަނިޔާތަކެއް ތަޙައްމަލުކޮށްފައިވާ ޒުވާން އަންހެނެއް ކަމަށްވާ ލިލީ (އާއިޝާ ޢަލީ) ގެ ހިތްދަތި ވާހަކައެވެ.
އާއިލާގެ ރައްކާތެރިކަމެއް ނެތި ބޮޑުވެ، މުޖުތަމަޢުން ބާކީކޮށްފައިވާ ލިލީގެ ހަމައެކަނި އުންމީދަކީ އޭނާގެ ކުޑައިރުގެ ދެ ރަޙުމަތްތެރިންނެވެ. ނަމަވެސް އޭނާ ނިންމާ ނިންމުމެއްގެ ސަބަބުން މުޅި މުޖުތަމަޢު އޭނާއާ ދެކޮޅުވެ، ރަޙުމަތްތެރިންނާއި ދުޝްމަނުންގެ ފަރަޤު ގެއްލިގެންދެއެވެ. މިއީ ސަލާމަތްވުމަށް ކުރާ މަސައްކަތާއި، ބޭވަފާތެރިވުމާއި، އަދި މުޖުތަމަޢުން އަޅާނުލާ ދޫކޮށްލާ މީހުންނަށް ދޭ އަނިޔާގެ މައްޗަށް ބިނާކޮށްފައިވާ އުފެއްދުމެކެވެ.
ފިލްމުގެ ފަހަތުގައިވާ ހުނަރުވެރިން
ކްރިއޭޓިވް ނެޓްވޯކްގެ ބެނާގެ ދަށުން މުހައްމަދު އަރީހް ޕްރޮޑިއުސްކުރި މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓް ކުރީ އަޒްހާން އިބްރާހިމެވެ. ފިލްމުގެ މައިގަނޑު ތަރިންނަކީ:
•އައިޝާ އަލީ
•އަހުމަދު ޝާރިފް
•މުހައްމަދު އިޝްފާން
މީގެ އިތުރުން މަރިޔަމް ޝީމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަދި އަލީ ފާރޫގް ފަދަ ތަޖުރިބާކާރު ތަރިންނާއި، އަލަށް ތަޢާރަފްވި އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރުވެސް މި ފިލްމުން ފެނިގެންދާނެއެވެ.
ފިލްމުގެ ސިނަމަޓޮގްރަފީ ސަމާހް އިބްރާހިމް ހަދާފައިވާއިރު، އެޑިޓިންގް އަދި ކަލާ ގްރޭޑިންގްގެ މަސައްކަތް ކޮށްފައިވަނީ ޑައިރެކްޓަރު އަޒްހާން އަމިއްލައަށެވެ. މިއުޒިކް ތައްޔާރުކުރީ ހުސައިން ތައުފީގެވެ. ފިލްމުގެ ލަވަތަކުގެ ރާގާއި ޅެން މުހައްމަދު އަބްދުލް ޣަނީ (ތޭރަ) ހަދާފައިވާއިރު، ލަވަތައް ކިޔައިދީފައިވަނީ ތޭރަ، މަރިޔަމް އަޝްފާ، ޝަލަބީ އިބްރާހިމް އަދި އާމިނަތު ލައިޝާ ހިލްމީއެވެ.
މުޖުތަމަޢުގެ ހައްސާސް މައްސަލަތަކަށް ބަލާލުމެއް
ނޮވެމްބަރު 2025 ގައި އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކުރި މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ. 'ލިލީ' އަކީ ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާ ފަދަ ދިވެހި ފިލްމުތަކުގައި އާންމުކޮށް ނުފެންނަ ހައްސާސް މައްސަލަތަކެއް އެއްވެސް ފަސްޖެހުމެއްނެތި ސީދާގޮތެއްގައި ގެނެސްދީފައިވާ ތަފާތު އުފެއްދުމެކެވެ.
ބެލުންތެރިންނަށް އަންނަ އޭޕްރީލް 16 އިން ފެށިގެން mm.medianet.mv މެދުވެރިކޮށް މި ފިލްމު ސްޓްރީމް ކުރާނެއެވެ.

.gif&w=1920&q=75)
