އެމްޑީޕީގެ ހިންގުމުގައި ލަފާދޭން ރައީސް ނަޝީދުއާއި ރައީސް ޞާލިޙް ހަމަޖައްސައިފި
11 އޭޕްރީލު 2026 - 17:14

އެތެރޭގެ ކޯޅުންތަކަށް ހައްލު ހޯދައި ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - އެމްޑީޕީގެ ހިންގުމުގައި ލަފާދޭން ކުރީގެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ހަމަޖައްސައިފިއެވެ.
އެމްޑީޕީ ހިންގުމާ ގުޅޭ ބޮޑެތި ކަންތައްތަކުގައި ޗެއާޕާސަނަށް ލަފާ ދިނުމަށް އެޑްވައިޒަރުން ކަނޑައަޅައި، އެ ޕާޓީގެ ހިންގުމަށް ހަ ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފާސްކޮށްފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި މިރެއެވެ.

Ad by Hajj Corporation
ރާއްޖޭގެ އެންމެ ބޮޑު އިދިިކޮޅު ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ހައްލެއް ގެނެސްފައިވާކަން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހުކުރު ދުވަހުގެ ރޭ އިއުލާން ކުރައްވާފައެވެ.
- އެމްޑީޕީ ހިންގުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ
- ކުރީގެ ރައީސް މުހައްމަދު ނަޝީދު
- ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
- ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
- ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
- ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
- ޕީޖީ ލީޑަރު – ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި ހުށަހެޅި ގަރާރުގައި ވަނީ ކުރީގެ ރައީސުންގެ ހައިސިއްޔަތުން ރައީސް ނަޝީދާއި މިހާރު ވެސް އެޑްވައިޒަރެއްގެ ގޮތުގައި ގައުމީ މަޖިލީހުގައި އިންނަވާ ރައީސް ޞާލިޙް މެންބަރުންގެ ގޮތުގައި ކަނޑައަޅަން ފާސްކޮށްފައެވެ. ގައުމީ މަޖިލީހުގައި ބައިވެރިވީ 62 މެންބަރުންގެ ތެރެއިން މިކަމާ ދެކޮޅަށް ލިބުނީ އެންމެ ވޯޓެކެވެ.
ގައުމީ މަޖިލީހުން ވަނީ މިކަމަށް ފަހިކުރަން އެމްޑީޕީގެ އަސާސީ ގަވާއިދު ބަދަލުކުރަން ނިންމާފަ އެވެ. މި ބަދަލަށް ރުހުން ހޯދާނީ ދެން އެންމެ އަވަހަށް ބާއްވާ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅައިގެންނެވެ.

.gif&w=1920&q=75)
