ރޮނާލްޑޯގެ ލަނޑާއެކު އަލް ނަސްރުން ރެކޯޑް މޮޅެއް ހޯދައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކޮށްފި
11 އޭޕްރީލު 2026 - 19:48

ސައުދީ ޕްރޯ ލީގުގައި ރޭ ކުޅުނު މެޗުގައި އަލް އުޚްދޫދު އަތުން 2-0 އިން މޮޅުވެ، އަލް ނަސްރުން ލީގު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑު ޖަހައި ޓީމުގެ މޮޅުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. ނަވާފް ބޫ ވަޝްލް ދިން ބޯޅައެއް ހޯދުމަށްފަހު ރޮނާލްޑޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި މުހައްމަދު ސިމަކަން ޖެހި ބޯޅައެއް ގޯލަށް ވަތް ނަމަވެސް، އޭނާ އަތުގައި ބޯޅަ ޖެހިފައިވާތީ ރެފްރީ އެ ލަނޑު ބަލައެއް ނުގަތެވެ.

Ad by Hajj Corporation
އަލް ނަސްރުގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ޔާއޯ ފީލިކްސްއެވެ. ސާޑިއޯ މާނޭ ނަގައިދިން ހުރަހަކުން ކިންގްސްލީ ކޯމަން ބޮލުން ޖެހި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު، ފީލިކްސް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މެޗުގެ 81 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ބަދަލުކޮށްފައެވެ.
ތާރީޚީ ރެކޯޑެއް
މި މޮޅާއެކު ޖޯޖް ޖީސަސްގެ އިރުޝާދުގެ ދަށުން ކުޅޭ އަލް ނަސްރުން ވަނީ ޖެހިޖެހިގެން 13 މެޗުން މޮޅުވެ، ކްލަބުގެ އާ ރެކޯޑެއް ގާއިމުކޮށްފައެވެ. މީގެ އިތުރުން މިއީ ރަށުން ބޭރުގައި އެ ޓީމުން ޖެހިޖެހިގެން މޮޅުވި އަށްވަނަ މެޗެވެ.
އަލް އުޚްދޫދާ ދެކޮޅަށް އަލް ނަސްރުން މިހާތަނަށް ކުޅުނު ހަ މެޗުންވެސް ވަނީ މޮޅުވެފައެވެ. އަދި ކޯޗު ޖީސަސްގެ އިރުޝާދުގެ ދަށުން އެ ޓީމާ ދެކޮޅަށް ކުޅުނު އެއްވެސް މެޗެއްގައި އަލް ނަސްރުގެ ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. މިއީ ލީގުގައި ވަކި ޓީމަކާ ދެކޮޅަށް ޖީސަސް ނެރެފައިވާ އެންމެ ރަނގަޅު ނަތީޖާއެވެ

.gif&w=1920&q=75)
