ރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފި
21 މޭ 2026 - 21:47

ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު، ބުރާސްފަތި ދުވަހު ދަމަކް އަތުން 4-1 އިން މޮޅުވެ، އަލް ނަޞްރުން ސައުދީ ޕްރޯ ލީގުގެ ތަށި އުފުލާލައިފިއެވެ. މިއީ ޖެނުއަރީ 2023 ގައި ސައުދީ ލީގާ ގުޅުނު ފަހުން ޕޯޗުގަލްގެ ތަރި ރޮނާލްޑޯ އެ ގައުމުގައި ހޯދި ފުރަތަމަ ލީގު ތަށްޓެވެ. އަދި އަލް ނަޞްރު ފާއިތުވެދިޔަ 8 އަހަރު ތެރޭގައި ކާމިޔާބުކުރި ފުރަތަމަ ލީގު ތަށްޓެވެ. މީގެ އިތުރުން މިއީ މީގެ ތިން އަހަރުކުރިން ސަޢޫދީގާއި ގުޅުނު ރޮނާލްޑޯ އެކުލަބުގެ ޖޯޒީގައި އުފުލާލި (ފީފާ ޤަބޫލުކުރާ) ފުރަތަމަ ތަށްޓެވެ.
މިއީ އަލް ނަޞްރުން ކާމިޔާބުކުރި 11 ވަނަ ލީގު ތަށްޓެވެ. މި ސީޒަނުގެ ފަހު މެޗާ ހަމައަށް ދިޔައިރު، އަލް ނަޞްރުން ތަށި ކާމިޔާބުކުރީ އެންމެ ގާތުން ވާދަކުރި އަލް ހިލާލަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިދިޔަ ހަފްތާގައި އަލް ހިލާލާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކީޕަރު ބެންޓޯއަށް ހެދުނު ގޯހަކުން 1-1 އިން އެއްވަރުވެ، ލީގު ކަށަވަރު ކުރުމުގެ ފުރުސަތު އޮތީ ގެއްލިފައެވެ. އަދި އޭގެ ފަހުން އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫގެ ފައިނަލުގައި ގަމްބާ އޮސާކާ އަތުން ބަލިވެ އަލް ނަޞްރަށް ވަނީ ބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ.

Ad by Hajj Corporation
ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އަލް ނަޞްރުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭއެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ކިންގްސްލީ ކޯމަން ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދިންއިރު، ރޮނާލްޑޯ ވަނީ ފަހުން ދެ ލަނޑު ޖަހައި ޓީމަށް ތަށި ކަށަވަރުކޮށްދީފައެވެ. މި މެޗުގައި ރޮނާލްޑޯއާއެކު މާނޭގެ އިތުރުން ޔާއޯ ފީލިކްސް ވެސް ވަނީ ކުޅެފައެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށްވެސް ހޮވުނީ ރޮނާލްޑޯއެވެ.
ސައުދީ އަރަބިއްޔާގައި ހޭދަކުރި ތިން ސީޒަނުގެ ތެރޭގައި ރޮނާލްޑޯ ވަނީ އެ ކްލަބަށް 100 އަށްވުރެ ގިނަ ލަނޑު ޖަހައިދީފައެވެ. މީގެ ކުރިން ރޮނާލްޑޯ ވަނީ ޕޯޗުގަލް، އިންގްލެންޑް، ސްޕެއިން އަދި އިޓަލީގެ ލީގު ތަށި ވެސް ކާމިޔާބުކޮށްފައެވެ. ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ ދެން އެންމެ އަވަހަށް ފެންނާނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުންނެވެ. މިއީ އޭނާ ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ.
މީގެ ކުރިން ރޮނާލްޑޯ ވަނީ އަލް ނަޞްރާއެކު 2023 ވަނަ އަހަރު އަރަބް ކްލަބް ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްފައެވެ. ނަމަވެސް އެއީ ފީފާ ގަބޫލުކުރާ ރަސްމީ މުބާރާތެއް ނޫނެވެ. އެހެންކަމުން މިއީ ރޮނާލްޑޯ އެ ކްލަބާއެކު ހޯދި ފުރަތަމަ ރަސްމީ ބޮޑު ކާމިޔާބީއެވެ.


