21 ގަޑިއިރަށް ދެމިގެންދިޔަ އީރާން-އެމެރިކާގެ ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވެއްޖެ
12 އޭޕްރީލު 2026 - 03:07

އީރާނާއި އެމެރިކާއާ ދެމެދު ޕާކިސްތާނުގެ އިސްލާމްއާބާދުގައި 21 ގަޑިއިރަށް ދެމިގެންދިޔަ މުހިންމު ސުލްހައިގެ މަޝްވަރާތައް އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ.
މި މަޝްވަރާތަކަށްފަހު އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް މިހާރު ވަނީ ޕާކިސްތާނުން ފުރާވަޑައިގެންފައެވެ.

Ad by Hajj Corporation
މި މަޝްވަރާތަކަކީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށްގެން ދެ ގައުމުގެ މެދުގައި ކުރިއަށްގެންދިޔަ މަތީ ފަންތީގެ ބައްދަލުވުންތަކެކެވެ. އެމެރިކާގެ ނައިބު ރައީސްގެ އަރިހުގައި އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ވައިޓް ހައުސްގެ އެޑްވައިޒަރު ޖެރެޑް ކުޝްނަރު ބައިވެރިވެވަޑައިގެންނެވިއެވެ.
ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ނައިބު ރައީސް ވެންސް ވިދާޅުވީ، އީރާނާއެކު ވަރަށް ފުން އަދި މުހިންމު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް ނާދެވުނު ކަމަށެވެ.
"މިއީ އުންމީދީ މަޝްވަރާތަކެއް. ނަމަވެސް ހިތާމައަކީ އެއްބަސްވުމަކާ ހަމައަށް ނާދެވުނުކަން. މިއީ އެމެރިކާއަށްވުރެ ބޮޑަށް އީރާނަށް ލިބުނު ދެރައެއް ކަމަށް އަހަރެން ދެކެން،" ވެންސް ވިދާޅުވިއެވެ.
ވެންސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ޝަރުތުތައް ގަބޫލުކުރާނެ ފަދަ ހާލަތަކަށް އީރާނުން ބޭނުންވި ބަދަލުތައް ގެނެވިފައެއް ނުވެއެވެ. އަދި މި މަޝްވަރާތައް ބޭއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރު ދެއްވި އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. މަޝްވަރާތައް ނާކާމިޔާބުވުމުގައި ޕާކިސްތާނުގެ އެއްވެސް ދައުރެއް ނެތް ކަމަށާއި، އެ ގައުމުން އަދާކުރީ ނަމޫނާ ދައުރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ ނިއުކްލިއަރ ގާބިލުކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެންސް ވިދާޅުވީ، އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު މިހާރާއި މުސްތަގުބަލުގައި ވެސް ނުދިނުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ އިސް އަމާޒު ކަމަށެވެ. މި މަޝްވަރާތަކުގައި ރައީސް ޓްރަމްޕް އަމަލީގޮތުން ބައިވެރިވެވަޑައިގެން، މަޝްވަރާގެ ތެރޭގައި 6 ފަހަރާއި 12 ފަހަރާ ދެމެދުގެ އަދަދަކަށް ފޯނުން ވާހަކަދެއްކެވި ކަމަށްވެސް ވެންސް ހާމަކުރެއްވިއެވެ.
"އަހަރެމެން މި ފުރަނީ ވަރަށް ސާފު ހުށަހެޅުމެއް ދީފައި. މިއީ އަހަރެމެންގެ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން. އީރާނުން މިއަށް އަމަލުކުރާނެތޯ ބަލާނީ އަހަރެމެން،" ވެންސް ވިދާޅުވިއެވެ.
މި މަޝްވަރާތަކަކީ މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އުންމީދު ކުރަމުންދިޔަ ބައްދަލުވުންތަކެކެވެ. ނަމަވެސް އެއްބަސްވުމަކަށް ނާދެވުމުން ސަރަހައްދީ ހަމަޖެހުމަށް އޮތް ބިރުވެރިކަން ވަނީ އަނެއްކާވެސް ބޮޑުވެފައެވެ.

.gif&w=1920&q=75)
