އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލަން އެއްބަސްވެފައިވާކަމަށް އީރާނުން ބުނެފި، އެމެރިކާއިން އެކަން ދޮގުކުރޭ
11 އޭޕްރީލު 2026 - 17:57

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތަކުގައި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އީރާނުގެ އިސް މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ގަތަރާއި ބޭރުގެ އެހެނިހެން ބޭންކުތަކުގައި ހުރި އީރާނުގެ ފައިސާ ދޫކޮށްލުމަށް އެމެރިކާއިން އެއްބަސްވުމަކީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާގެ "ސީރިއަސްކަން" ހުރި މިންވަރު ހާމަވާ ކަމެއް ކަމަށެވެ. މީގެ ތެރޭގައި ގަތަރުގައި ހުރި ތެޔޮ ވިއްކައިގެން ލިބިފައިވާ 6 ބިލިއަން ޑޮލަރުގެ ފައިސާ ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިއީ ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކާ ގުޅިފައިވާ ކަމެއް ކަމަށްވެސް މަސްދަރުތަކުން ބުނެއެވެ.

Ad by Hajj Corporation
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ހިމެނޭހެން އެ ގައުމުގެ އިސް ބޭފުޅުން މިކަން ސިފަކުރައްވާފައިވަނީ ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމުގެ އިތުރުން، މަޝްވަރާތަކަށް ތެހެރާނުން ކުރިމަތިކުރި މައިގަނޑު އެއް ޝަރުތުގެ ގޮތުގައެވެ. އިސްލާމްއާބާދުގައި ކުރިއަށްދާ މި މަޝްވަރާތަކުގައި އެމެރިކާގެ ވަފުދުގައި ނައިބު ރައީސް ޖޭ.ޑީ. ވެންސް ފަދަ އިސް ބޭފުޅުން ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު، ޕާކިސްތާނުން ދަނީ މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.
ނަމަވެސް، ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވަނީ މި ވާހަކަތައް ދޮގުކުރައްވައި، "މިއީ ދޮގެއް، ބައްދަލުވުންތައް އަދި ފެށުނީއެއްވެސް ނޫން،" ކަމަށް ވިދާޅުވެފައެވެ. ސީ.ބީ.އެސް ނިއުސްއާއި ބައިނަލްއަގުވާމީ އެހެން މީޑިއާތަކުން ވެސް ވަނީ އެއްވެސް ފައިސާއެއް ދޫކޮށްލުމާ މެދު އެއްބަސްވުމަކަށް އާދެވިފައިނުވާކަން ކަށަވަރުކޮށްދީފައެވެ.
އިސްލާމްއާބާދުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ އީރާނާއި، އިސްރާއީލް އަދި ހިޒްބުالله ހިމެނޭހެން މެދުއިރުމަތީގައި ހިނގަމުންދާ ފުޅާ ހަނގުރާމަތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމެވެ. އީރާނުގެ ފައިސާ ހިފަހައްޓާފައިވަނީ 2018 ވަނަ އަހަރު ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ.

.gif&w=1920&q=75)
