ހުރިހާ އުޅަނދަކަށް ދަތުރުކުރެވެންދެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
13 އޭޕްރީލު 2026 - 03:29

ހުރިހާ އުޅަނދަކަށް މިނިވަންކަމާއެކު ދަތުރުކުރެވެންދެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރައްވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕްގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމްގައި ވިދާޅުވެފައިވަނީ، ޕާކިސްތާނުގައި ބޭއްވުނު މަޝްވަރާތަކުގައި އީރާނުން އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލުމަށް އިންކާރުކުރުމާ ގުޅިގެން، އެކަށީގެންވާ ވަގުތެއްގައި އީރާނުގެ މައްސަލަ އެމެރިކާގެ އަސްކަރިއްޔާއިން "ނިންމާލާނެ" ކަމަށެވެ.

Ad by Hajj Corporation
ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، އެންމެ ދުވަހެއްގެ ތެރޭގައި އީރާނު "ފުނޑުފުނޑުކޮށްލުމުގެ" ގާބިލުކަން އެމެރިކާއަށް ލިބިގެންވާ ކަމަށެވެ.
މި އިންޒާރާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ، އެއްވެސް ކަހަލަ ނުބައި ހިސާބެއް ޖަހައިގެން އަޅާ ފިޔަވަޅެއްގެ ސަބަބުން، ދުޝްމަނުން ހޯރްމޫޒް ކަނޑުއޮޅީގެ ނުރައްކާތެރި އޮއިވަރުގެ ތެރޭގައި ތާށިވާނެ ކަމަށް ބުނެ ރައްދު ދީފައެވެ.
ޕާކިސްތާނުގައި ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ޒިންމާ އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލިބާފް ވަނީ އެމެރިކާގެ ބޮލުގައި އަޅުއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މަޝްވަރާތައް ނާކާމިޔާބުވީ އެމެރިކާގެ އޮފިޝަލުންނަށް އީރާނުގެ ވަފުދުގެ އިތުބާރު ހޯދުމުގައި ނާކާމިޔާބުވުމުންނެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، އީރާނާއެކު ކުރެވުނު މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިމިފައިވާ ކަމަށާއި، އެމެރިކާއިން ހުށަހެޅީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ ހޯރްމޫޒް ކަނޑުއޮޅި މަދަނީ އުޅަނދުފަހަރަށް ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދަށް ވަންނަ އަސްކަރީ މަނަވަރުތަކާ މެދު "ހަރުކަށި ފިޔަވަޅު އަޅާނެ" ކަމުގެ އިންޒާރު އެ ގައުމުން ވަނީ ދީފައެވެ. އެމެރިކާގެ ދެ މަނަވަރެއް ހޯރްމޫޒް ކަނޑުއޮޅި ހުރަސްކުރި ކަމަށް ބުނެ އެމެރިކާއިން ދެއްކި ވާހަކަތައް އީރާނުން ވަނީ ދޮގުކޮށްފައެވެ.
މި ދަނޑިވަޅުގައި، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވަނީ ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިންއާ ފޯނުން ގުޅުއްވައި، މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ރައީސް ޕޫޓިން ވަނީ މި މައްސަލައަށް ސިޔާސީ އަދި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އެހީތެރިވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި، އިޒްރޭލުން ދަނީ ލުބުނާނަށް މެދުނުކެނޑި ބޮން އަޅައި، އެ ގައުމުގެ ދެކުނު ސަރަހައްދަށް އެއްގަމު މަގުން އަރައިގަތުމުގެ މަސައްކަތް ވަރުގަދަ ކުރަމުންނެވެ.

.gif&w=1920&q=75)
