ދަށް ނަތީޖާތަކާއި ޗެންޕިއަންސް ކަޕުން ކެޓުމާއި ގުޅިގެން މަޝަރާނޯ މެސީގެ މަޔާމީއިން އިސްތިއުފާދީފި
15 އޭޕްރީލު 2026 - 03:45

އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމް.އެލް.އެސް) ގައި ވާދަކުރާ އިންޓަރ މިއާމީގެ ހެޑް ކޯޗުގެ މަގާމުން ހަވިއޭ މަޝަރާނޯ އިސްތިއުފާ ދީފިކަން އެ ކްލަބުން ކަށަވަރުކޮށްދީފިއެވެ. އާޖެންޓީނާގެ ކުރީގެ މިޑްފީލްޑަރު މި މަގާމުން ވަކިވެފައިވަނީ ކްލަބާއެކު ގޮންޖެހުންތަކެއް ހުރި ދުވަސްވަރަކަށް ފަހުގައެވެ.އެގޮތުން މިވަގުތު ސަޕޯޓަރސް ޝީލްޑްގެ 10 ވަނައިގައި އޮތް މަޔާމީ އެންމެ ފަހުން ކުޅުނު ދެމެޗުންވެސް އެއްވަރުވެފައިވާއިރު، މިދިޔަ ހަފްތާގައި އުތުރު އެމެރިކާގެ ޗެންޕިއަންސް ކަޕްގެ ފުރަތަމަ ބުރުން މަޔާމީ ވަނީ ކަޓާފައެވެ.
މަޝަރާނޯގެ ވަކިވުމާ ގުޅޭގޮތުން އިންޓަރ މިއާމީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މަޝަރާނޯ ވަނީ ހެޑް ކޯޗުގެ ގޮތުގައި އޭނާ އަދާކުރަމުންދިޔަ ދައުރު ނިންމާލުމަށް ނިންމާފައި. އޭނާއަކީ ޗެމްޕިއަނެއް، އަދި އޭނާގެ މުޅި ޓީމަކީ އަބަދުވެސް އިންޓަރ މިއާމީ އާއިލާގެ ބައެއްގެ ގޮތުގައި ދެމިއޮންނާނެ ބައެއް،" ކަމަށެވެ.

Ad by Hajj Corporation
ބާސެލޯނާ އަދި އާޖެންޓީނާގެ ގައުމީ ޓީމުގައި ލިއޮނަލް މެސީއާއެކު ކުޅެފައިވާ މަޝަރާނޯ، އިންޓަރ މިއާމީގެ ކޯޗުކަމާ ހަވާލުވީ 2025 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި 2025 ވަނަ އަހަރުގެ ލީގްސް ކަޕް ކާމިޔާބުކުރުމާއި، ސަޕޯޓާސް ޝީލްޑް ހޯދުން ހިމެނެއެވެ.
މަޝަރާނޯގެ މި ނިންމުމާއެކު، ކުޅުންތެރިއެއްގެ ގޮތުން މަޝްހޫރުކަން ހޯދުމަށްފަހު ކޯޗެއްގެ ގޮތުގައި އެމް.އެލް.އެސްގެ އެންމެ ބޮޑު އެއް ކްލަބުގައި އޭނާ ކުރި މަސައްކަތް މިވަނީ ނިމުމަކަށް އައިސްފައެވެ. މަޝަރާނޯ މަގާމުން ވަކިވި ނަމަވެސް، އޭނާގެ ދައުރުގައި ހޯދި ކާމިޔާބީތަކާއެކު އޭނާގެ ނަން ކްލަބުގެ ތާރީޚުގައި ލިޔެވިގެންދާނެ ކަމަށް މިއާމީން ފާހަގަކުރެއެވެ.


