ރެއާލް އުލު ބޭނދުމަށްފަހު ބަޔާން ސެމީއަަށް، ރެއާލް ޖެހިޖެހިގެން ހުސްއަތާ ދެވަނަފަހަރަށް ސީޒަން ނިންމާލައިފި
16 އޭޕްރީލު 2026 - 03:00

ޔޫއެފްއޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 4-3 އިން ކާމިޔާބުކޮށް، އެގްރިގޭޓް 6-4 ގެ ނަތީޖާއަކުން ބަޔާން މިއުނިކުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗު ފެށިގެން ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ދެ ޓީމުގެ ކީޕަރުން ކަމަށްވާ މެނުއަލް ނޯޔާ އަދި އަންދްރޭ ލުނިންއަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި ބަޔާންވަނީ ދެގޯލެއް ކާމިޔާބުކޮށްފައެވެ.
މެޗު ފެށިގެން އެންމެ 35 ސިކުންތުގެ ތެރޭގައި ރެއާލްގެ އަރްދާ ގުލާ ވަނީ ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން އެ ޓީމަށް ކުރިހޯދައިދީފައެވެ. ގުލާ ވަނީ ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން އިތުރު ލަނޑެއްވެސް ކާމިޔާބުކޮށްފައެވެ. ބަޔާންގެ ހެރީ ކޭން އެ ޓީމަށް ލަނޑެއް ޖަހައިދީފައިވަނިކޮށް، ރެއާލްގެ ކީލިއަން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި ފުރަތަމަ ހާފު ނިމުނުއިރު އެގްރިގޭޓް ނަތީޖާ 4-4 އިން އެއްވަރުކޮށްދީފައެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ނޯޔާ ވަނީ އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފައެވެ. މެޗުގެ ނަތީޖާއަށް ބޮޑު ބަދަލެއް އައީ ރެއާލްގެ އެޑުއާޑޯ ކަމަވިންގާއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާ ދަނޑުން ފޮނުވާލުމުންނެވެ. ކަމަވިންގާއަށް ރަތް ކާޑު ދެއްކީ ބަޔާންއަށް ލިބުނު ހިލޭ ޖެހުމެއް ލަސްކުރުމަށް ބޯޅައިގައި އަތްލުމުންނެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ރެއާލްގެ މައްޗަށް ބަޔާންއިން ކުރިހޯދީ މެޗުގެ އެންމެ ފަހު މިނެޓުތަކުގައެވެ. އެގޮތުން 89 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ޖަހައިދިން ލަނޑާއެކު ބަޔާންއަށް ލީޑު ލިބުނުއިރު، އިތުރު ވަގުތުގެ ތެރޭގައި މައިކަލް އޮލީސޭ ވަނީ ހިތްގައިމު ލަނޑެއް ޖަހައި ބަޔާންގެ މޮޅު ކަށަވަރުކޮށްދީފައެވެ.
މި ކާމިޔާބީއާއެކު ބަޔާން މިއުނިކް ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެވެ. މިއާއެކު އެމްބާއްޕޭ އައިފަހުން ރެއާލް މެޑްރިޑްވަނީ ޖެހިޖެހިގެން ދެވަނަ ސީޒަނުގައި ހުސްއަތާ ސީޒަން ނިންމާލަންޖެހިފައެވެ.


