ޔޫއެންއޯޑީސީން ހަދިޔާ ކުރި ޑްރަގް ޓެސްޓް ކިޓްތައް ހަވާލުކޮށްފި
16 އޭޕްރީލު 2026 - 15:46

ޔޫއެންއޯޑީސީން ހަދިޔާ ކޮށްފައިވާ ޑްރަގް ޓެސްޓް ކިޓްތައް ކަސްޓަމްސްއާއި ފުލުހުންނަށް ހަވާލުކޮށްފިއެވެ.
މިއީ މިދިޔަ ޖެނުއަރީ މަހު ޔޫއެންއޯޑީސީން ނޭޝަނަލް ޑްރަގް އޭޖެންސީއަށް ހަދިޔާކޮށްފައިވާ ކިޓުތަކެކެވެ. މި ތަކެތި ފުލުހުންނާއި ކަސްޓަމްސްއަށް ހަވާލުކުރުމަށްޓަކައި ބުރާސްފަތި ދުވަހު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

Ad by Hajj Corporation
ޔޫއެންއޯޑީސީއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޓެސްޓް ކިޓުތަކުގެ ތެރޭގައި ހިމެނެނީ، 30 ޑްރަގް ޓެސްޓް ކިޓާއި، 30 ޕްރިކާސާރ ކެމިކަލް ކިޓުގެ އިތުރުން 180 ޕޮކެޓް ކެމިކަލް ޓެސްޓް ކިޓެވެ. މީގެއިތުރުން ޓެސްޓް ކިޓުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ވީޑިއޯތައް ހިމެނޭ 5 ޔޫއެސްބީ ޑްރައިވްވެސް ވަނީ ހަދިޔާ ކޮށްފައެވެ.
މީގެ ތެރެއިން ކަސްޓަމްސްއަށް ވަނީ، 20 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 60 ޕޮކެޓް ކިޓްސް ހަވާލުކޮށްފައެވެ. މީގެ އިތުރުން 40 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 120 ޕޮކެޓް ކިޓް ފުލުހުންނާ ހަވާލުކޮށްފައިވެއެވެ.
މި ޓެސްޓް ކިޓުތަކަކީ އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކިޓުތަކެކެވެ. އަދި މި ކިޓުތައް ތައްޔާރުކޮށްފައިވަނީ، ވަގުތު ސަލާމަތްކޮށް، ސައްޙަ ނަތީޖާ ފޯރުކޮށްދިނުމުގެ އިތުރުން ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭގޮތަށެވެ. މި ޓެސްޓް ކިޓުތަކަކީ، އާއްމުކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތް ޓެސްޓް ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ ކިޓުތަކެކެވެ.
ކަސްޓަމްސް އާއި ފުލުހުންނަށް މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ، ފެކްޓްރީތަކުގައި ތައްޔާރު ކޮށްގެން އުފައްދާ މަސްތުވާތަކެތި އާންމުވަމުންދާ ކަމަށެވެ. މިއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން އެކަމުން ސަލާމަތް ކުރުމަށް މީގެ ކުރިން ބޭނުން ކުރަމުންދާ އުކުޅުތައް ބަދަލުކުރަންޖެހޭ ކަމެށެވެ.
ނަމަވެސް ދުނިޔޭގައިވެސް މިފަދަ މަސްތުވާތަކެއްޗަށް ފަރުވާދިނުމަށް ހާއްސަ ޕްރޮގްރާމްތަކެއް ނެތުމުން ރާއްޖޭގައި އެފަދަ މީހުންނަށް ފަރުވާދިނުމަށް އެހެންް ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.


