500 މިލިއަން ޑޮލަރުގެ ސުކޫކު ނުދެއްކޭނެ ކަމަށް ކުރީގެ ލީޑަރުން ތިބީ ސަލާވާތް ކިޔަވާލަ ކިޔަވާލާ: ފަލާހު
16 އޭޕްރީލު 2026 - 16:49

ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު މި ސަރުކާރަށް ނުދެއްކޭނެ ކަމަށް ކުރީގެ ލީޑަރުން ތިބީ ސަލަވާތް ކިޔަވާލަ ކިޔަވާލާ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ހއ. މުރައިދޫ އެ ޕާޓީގެ ކެޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހަގީގަތުގައި ކާމިޔާބު ލިބުނީ ޕީއެންސީއަށް ކަމަށެވެ. އެ އިންތިހާބަކީ އެކޮޅު ކޮޅުން ޖެހިފައިވާ އިންތިހާބެއް ކަމަށް ވިދާޅުވެ ފަލާހު ވިދާޅުވީ އިންތިހާބުގައި ކާމިޔާބު ލިބުނީ މަދުން ގޮނޑި ލިބުނު ފަރާތަށް ކަމަށެވެ. ފާލަހު ވިދާޅުވީ ކުޑަ ކާމިޔާބީއެއް ލިބުމަކީ މަގުމަށްޗަށް ނިކުމެ މުޒާހަރާކޮށް ވެރިކަން ވައްޓާލަން މަސައްކަތް ކުރުން ނޫން ކަމަށެވެ. ފަލާހު ވަނީ މި ކަމަށް ދިވެހި ރައްޔިތުން ވިސްނާލުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation
ފަލާހު ވިދާޅުވިގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުއަށް އޮތް ތާއިދު ބެލުމަށް ނެގި ވޯޓެއް ނޫން ކަމަށެވެ.
ރައީސް މުއިއްޒު އަކީ އޯގާތެރި، ހިތްތިރި، ކެތްތެރި ވެރިއެއް، ރައީސް އަބަދުވެސް އިސްކަން ދެއްވަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް: ފަލާހު
ފަލާހު ވިދާޅުވީ ފާއިތުވެ ދިޔަ ދެއަހަރުވެސް މި ސަރުކާރުން އައީ ލޯނުތައް ދައްކަމުން ކަމަށާއި އަދި ދާދި ފަހު ސަރުކާރުން ވަނީ މީގެ ކުރިން، 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކޮށްފައި ކަމަށެވެ. އަދި އެ ލޯނު ނުދެއްކޭނެ ކަމަށް ކުރީގެ ލީޑަރުން ތިބީ ސަލާވާތް ކިޔަވާލަ ކިޔަވާލާ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީނަށް ފާޑުވިދާޅުވެ ފަލާހު ވަނީ އެމްޑީޕީ ވެރިކަމުގައި އޮތްތަނަމަ އެމަނިކުފާނަށް ގޭގައި އެހެން އިނދެވުނީސް ތޯ ސުވާލުކުރައްވާފައެވެ. ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އޮތް ނަމަ ރައީސް ޔަމީން އިންވާނީ މާފުށީ ޖަލުގައި ކަމަށެވެ. އެމްޑީޕީ ވެރިކަމެއްގައި ޖުޑީޝަރީ މިނިވަން ނުވާނެ ކަމަށާއި އެ ޕާޓީ ވަނީ ވެރިކަމުގައި މުޅި ރާއްޖެ ދަރުވާލާ ރައްޔިތުން ބަނޑަށް ޖައްސާލާފައި ކަމަށް ވިދާޅުވެ ފަލާހު ވަނީ އިދިކޮޅު އެމްޑީޕީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފަލާހު ވިދާޅުވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެރިކަމުން ދުރު ނުކުރެވުނު ބަޔަކަށް އެހެން ބަޔަކު ވެރިކަމުން ދުރު ނުކުރެވޭނެ ކަމަށެވެ.


