logoEN
ޚަބަރު

ޕީއެންއެފްގެ "ސިޓިންގް ރޫމް" ޖަލްސާތަކުން ފެނިގެން ދަނީ މީހުންނަށް ހަޖޫ ޖެހުމާ ފުރައްސާރަ ކުރުން

މެންދުރު ޓީމްމެންދުރު ޓީމް

25 ޖެނުއަރީ 2025 - 17:49

އާންމުކޮށް ރަށްރަށުގެ ހޮޅު އަށި ތަކުގައި އޮންނާނީ ކޮންމެވެސް މީހަކަށް ހަޖޫ ޖެހުމާއި މަލާމާތް ކުރުމެވެ. ނުވަތަ ކޮންމެވެސް މީހެއްގެ ނުބައި ވާހަކަ ދެއްކުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބާއްވާ ސިޓީން ރޫމް ޖަލްސާ އިންވެސް މިފެންނަނީ ހަމަ މިފަދަ މަންޒަރުތަކެކެވެ. އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ސިޓިން ރޫމަށް އެމަނިކުފާނަށް ވާގިވެރިވާ މަދު ބަޔަކު އެއްކުރައްވައިގެން ކޮންމެ ރެޔަކުވެސް ގެންދަނީ ޖަލްސާތަކެއް ބާއްވަމުންނެވެ. މި ޖަލްސާތަކުން ފެނިގެންދަނީ ކޮންމެވެސް މީހަކަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުމެވެ. ނަމުގައި ބާއްވަނީ ސިޔާސީ ހަރަކާތެއް ނަމަވެސް ސިޔާސީ ޕޯޑިއަމްތަކުން ފެންނަ އެއްވެސް މަންޒަރެއް ނުފެނެ އެވެ.

ކުރީގައި ރަށްރަށުގެ ކަމުއޮށިގެންވާ މީހުން އެ މީހާއަށް ވާގިވެރިވާ މީހުން ގޭގެ ފެންޑާއަށް އެއްކޮށް ރަތްކޮށް ދުފާ ލައިގެން ތިބެ މީހުންނަށް މަލަމާތް ކުރުމާއި ފުރައްސާރަ ކުރުމަކީ އާންމު ކަމެކެވެ. މިހާރު ޕީއެންއެފް އިން މި ބާއްވާ ހަރަކާތުންވެސް މި ފެންނަނީ މިފަދަ މަންޒަރުތަކެކެވެ.

މި ޖަލްސާގައި ތިއްބަވަނީ ދައުލަތުގެ ޒިންމާދާރު އެކި މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭބޭފުޅުންނެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު މެން ފަދަ ބޭބޭފުޅުންނެވެ. ޖަމީލުވެސް ޖަލްސާގައި ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތައް ވިދާޅުވެ ވާހަކަ ދެއްކުން ނިންމަވާ ލައްވަނީ ކޮންމެވެސް މީހަކަށް ހަޖޫ ޖައްސަވާ އެމީހެއްގެ ނެތި ނުބައި ގޮވުމަށް ފަހު އެވެ. މިފަދަ ޒިންމާ ދާރު މަގާމުތައް އަދާކުރައްވާފައި ތިއްބަވާ ބޭބޭފުޅުންގެ ފަރާތުން މިފަދަ އަމަލުތައް ފެނުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫނެވެ.

ރައީސް ޔާމީންގެ ގެކޮޅުގެ ސިޓިން ރޫމެއްގައި ޕީއެންއެފް އިން ބާއްވާ ޖަލްސާ ތަކަކީ ނުވަތަ ބައްދަލުވުންތަކަކީ މީހުންނަށް ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުމާ ނުވަތަ ހީން ސަމާސަ ކޮށްލަން ބާއްވާ ހަރަކާތެކެވެ. އެ ޖަލްސާތަކުން މާބޮޑު އޮށްޓަރެއް ހުރި ވާހަކަ ތަކެއް ދައްކާތަނެއް ފެނިގެން ނުދެ އެވެ. އެޖަލްސާގައި އެންމެ އިސްކޮށް އިންނަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިވަނީ އެހެންވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕީއެން އެފްގެ ޖަލްސާ ތަކަކީ ހަމަ އެކަނި މީހުންނަށް ފުރައްސާރަ ކުރަން ބާއްވާ ޖަލްސާތަކެއް އެކަނި ނޫން ކަމަށެވެ.

"އަޅުގަނޑުމެން ޕީއެންއެފްގެ ޖަލްސާ އަކީ ހަމައެކަނި މީހުންނަށް ފުރައްސާރަ ކުރަން ބާއްވާ ޖަލްސާ އަކަށް ވުމެއް ނޫން" ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންވީމާ މިކަމުން ވެސް އެނގި ހާމަ ވެގެން މިދަނީ ޕީއެންއެފްގެ މި ޖަލްސާ ތަކަކީ ސަރުކާރު ޖަވާބު ދާރީ ކުރުވަން ނުވަތަ ރައްޔިތުންނަށް ފައިދާ އެއް ހުރި މަގްސަދެއްގައި ކުރަމުން އަންނަ ކަމެއް ނޫން ކަމެވެ. އާންމު ރައްޔިތުންގެ މާބޮޑު ތަރުހީބެއް ޕީއެންއެފްގެ މި ޖަލްސާތަކަށް ލިބިގެން ނުދަނީވެސް އެހެންވެ ކަމަށް ވެދާނެ އެވެ. ޖަލްސާ އަށް ބަލާލި ކަމުގައި ވީނަމަވެސް ފެނިގެން ދަނީ ކުރީ ސަފުގައި ތިއްބަވާ ރައީސް ޔާމީން ސަރުކާރުގެ ދެ ތިން ބޭފުޅަކާ، ގާތްގަނޑަކަށް ވިއްސަކަށް މީހުންވެސް ހަމަނުވާ ޖަލްސާ ތަކެކެވެ. އެހެންވީމަ އެއީ ކުރިން މިބުނި ކަހަލަ މަޝްވަރާ އަކަށްވެސް ވެދާނެ އެވެ.

މިބޭފުޅުންގެ ޖަލްސަތައް ނުވަތަ ބައްދަލުވުންތައް ވެގެންދާން ވާނީ މިއަށްވުރެ ޒިންމާދާރު ޖަލްސާތަކަކަށެވެ.މީހުންނަށް ފުރައްސާރަ ކުރުމާ ހަޖޫ ޖެހުމަށް މިފަދަ ބޭބޭފުޅުން މިގޮތަށް ޖަލްސާ ބޭއްވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ.ހަމަގައިމުވެސް މިއަށްވުރެ ރަނގަޅަށް ޒިންމާދާރުކަން ބޮޑު ގޮތެއްގައި ސިޔާސީ ހަރަކާތްތައް ބޭއްވެންވާނެ އެވެ.ހަމަ ޔަގީނުންވެސް އިދިކޮޅު ސިޔާސީ ހަރަކާތްހިންގަން ޖާގަ އެބައޮތެވެ. ސަރުކާރުން އެފަދަ ކަންކަމަށް ޖާގަވެސް ދެ އެވެ. އެ ފުރުސަތު އޮތީ ތަންމިނަށް ހުޅުވާލެވިފަ އެވެ.

ކޮމެންޓް

871x217_placeholder