ލަދުހަޔާތް ނެތިއްޖެނަމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ: ފަލާހްގެ ވަރުގަދަ ރައްދެއް ޔާމީނަށް
11 ސެޕްޓެމްބަރު 2026 - 12:44

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް އެމަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ، އިންސާނާގެ ލަދުހަޔާތް ނެތިއްޖެނަމަ ދެން ހަމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށެވެ. އަދި ކޮރަޕްޝަން ހިންގުމުގައި ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ރެކޯޑެއް ހެދީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގެވި ވެރިކަމުގައި ކަމަށާއި، އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ 'ކޯމާ' ގައި ކަން ނުދަންނަ މީހަކު މި ޤައުމުގައި ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ފަލާހް ވަނީ ރައީސް ޔާމީންގެ މާލީ މުއާމަލާތްތަކާއި ޢިމާރާތްތަކާ ގުޅޭގޮތުން ވެސް ސުވާލު އުފައްދަވާފައެވެ. އެގޮތުން ގ. ދޫވެހި ނަމުގައި އެޅި ގަނޑުވަރާއި، މިހާރު ހަމަ އެ ނަމުގައި ހެންވޭރު ކޮޅުގައި އަޅުއްވާ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮންތަނެއް 'ދަވާލައިގެން' އެޅި ތަންތަންތޯ ގިނަ ބަޔަކު ސުވާލުކުރާ ކަމަށް ވިދާޅުވިއެވެ. އަދި ސިންގަޕޫރާއި ދުބާއީގެ ފިކްސްޑް ޑިޕޮޒިޓް އަދި އިންވެސްޓްމަންޓް އެކައުންޓުތަކުގައި ހުރި ޑޮލަރުތަކުގެ މަތިން އެމްޑީޕީގެ މީހުން ހަނދާން ނުނެތޭނެ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.
ވެރިކަމުގައި ހިންގެވި ކަންކަން ހަނދާންކޮށްދެއްވި
ރައްޔިތުން ރުޅިގަދަވެ ވެރިކަމުން ބޭލި ހަނދާން ނެތުނީތޯ ސުވާލު ކުރައްވަމުން، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަން ފަލާހް ވަނީ ހަނދާންކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗު ބޭނުން ގޮތަކަށް ބަދަލުކުރުމާއި، ކޯޓުގެ ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށް ގެންދިއުން ހިމެނެއެވެ.
މީގެއިތުރުން، ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު ފާސްކުރުމާއި، މިނިވަން މުއައްސަސާތައް ހުއްޓުމަކަށް ގެނައުމާއި، އޭރު ޤައުމުގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުކުރުމުގެ އިތުރުން ނައިބު ރައީސުން މަޤާމުން ވަކިކުރި މައްސަލަތައް ފަލާހް ވަނީ ފާހަގަކުރައްވާފައެވެ.
ފަލާހް ވިދާޅުވީ، މި ވާހަކަތައް ދައްކާނެ މީހަކު މިއަދު ނެތްކަމަށް ހީކުރައްވައި ރައީސް ޔާމީން 'ހުދުކާފޫރަށް' ބަދަލުވެވަޑައިގެންނެވީ ކަމަށެވެ. އަދި އަމިއްލަ އަމިއްލައަށް ތިމަންނައަކީ ރައީސް ޔާމީން ކަމަށް ނިދީގައި ވެސް ވިދާޅުވަމުން ގެންދަވާ ކަމަށް ބުނެ ފަލާހް ވަނީ ފާޑުވިދާޅުވެފައެވެ.


