3 ވުޒާރާގެ އަލިފާނުގެ ހާދިސާ: ޔާމީން ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ހޯދަން ފުލުހުންނާއި އެންއައިސީއަށް އަންގައިފި
7 ސެޕްޓެމްބަރު 2026 - 02:44

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ޑިސެމްބަރު 2024 ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރެއްވި ތުހުމަތުތަކުގެ މައުލޫމާތު ސާފުކޮށް، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ފުލުހުންގެ މައްޗަށް ކުރި ތުހުމަތުތައް ބަލައިދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގަވައިފި ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ޢަލީ އިޙްސާން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ ތަހުޤީގު މާހިރުން ގުޅިގެން ހެދި ތަހުގީގުން ދައްކާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހަކަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވަނީ އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ކަމަށާއި، އެކަން ކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ކިހާ ގާތް މީހެއްކަން ފުލުހުންނަށް އެނގޭ ކަމަށް މުތުލަގަށް ވިދާޅުވެފައެވެ. އަދި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި ހުރި ނަމަވެސް ފިޔަވަޅު އަޅަން ބޭނުން ނުވަނީ ކަމަށާއި، ހާލަތު ބަދަލުވާ ދުވަހަކުން ފުލުހުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން ވަޒީރު އިޙްސާން ވިދާޅުވީ، ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށްގެން ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ބެއްލެވުމަށް ފުލުހުންގެ ޚިދުމަތުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި ހަމައެއާއެކު، ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތުތައް ތަހުގީގުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.


