ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި
18 އޭޕްރީލު 2026 - 04:19

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން ފަށައިފިއެވެ.
ދެވަނަ ބުުރުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދި ހަވީރު 4:00ގެ ނިޔަލަށެވެ.
މިއިންތިޚާބުތަކުގެ ދެވަނަ ބުރުގެ ވޯޓުލުން ފަސް ދާއިރާއެއްގައި ކުރިއަށްދާނެއެވެ. މިގޮތުން، މިބުރުައި، ވޯޓުލުން ކުރިއަށްދާނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ބާއްވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ.ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.
މި ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާފައި ވެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައެވެ.

Ad by Hajj Corporation
އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓާފައިވެއެވެ.
މި ފޮށިތަކުގައި 6093 މީހަކު ރަޖިސްޓަރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ. އެގޮތުން، ކެލާ އިންތިޚާބުގައި 1729 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއިރު ނޭކުރެންދޫ އިންތިޚާބުގައި 1،056 މީހުންނަށް، ދޮންފަނު އިންތިޚާބުގައި 441 މީހުންނަށް، މާވަށު އިންތިޚާބުގައި 1،556 މީހުންނަށް އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިޚާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.
މި ދާއިރާތަކަށް މާލޭގައި 6 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެ ތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަކޮށްފައިވާ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި ބަހައްޓާފައިވާއިރު، ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވެއެވެ.


