ރާއްޖޭގެ ބޮޑު ދެ ސިޔާސީ ފިކުރުގެ މެދުގައި އޮތް ވަރުގަދަ ވާދަވެރިކަން: ކުރީގައި އޮތީ ޕީއެންސީ!
17 އޭޕްރީލު 2026 - 04:05

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ނަތީޖާއިން ފެނިގެންދިޔައީ ރާއްޖޭގެ ބޮޑު ދެ ސިޔާސީ ފިކުރުގެ މެދުގައި އޮތް ވަރުގަދަ ވާދަވެރިކަމެވެ.
މި އިންތިޚާބުގައި 1346 ކެންޑިޑޭޓުން އިންތިޚާބު ކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް ސިޓީ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުން ގިނަ ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިންނެވެ. ޕީއެންސީ އިން 581 (ޖުމްލަ ގޮނޑިން އެއްވަނަ) ކާމިޔާބުކުރި އިރު، މައި އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ 562 ގޮނޑި ކާމިޔާބު ކޮށްފައެވެ. މިނިވަން ފިކުރުގެ ކެނޑިޑޭޓުން 168 ގޮނޑި ކާމިޔާބު ކުރި އިރު، ކޯލިޝަން ބައިވެރިންނާއި ކުދި ޕާޓީތަކުން 35 ގޮނޑި ކާމިޔާބު ކުރިއެވެ. ޖުމްލަ ގޮނޑީގެ އަދަދަށް ބަލާއިރު ޕީއެންސީން ވަނީ އެމްޑީޕީގެ މައްޗަށް 21 ގޯނޑީގެ ކުރިއެރުމެއް ހޯދާފައެވެ.

Ad by Hajj Corporation
ޕީއެންސީން ކައުންސިލް ރައީސްގެ 75 ގޮނޑި އެ ޕާޓީން ކާމިޔާބުކުރި އިރު، އެމްޑީޕީއަށް ލިބުނީ 73 ގޮނޑި އެވެ. ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރި ގޮނޑިތަކުން 101 ގޮނޑި ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ކުރި އިރު، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވުނީ 87 ގޮނޑި އެވެ. ކައުންސިލް މެންބަރު ކަމުގެ 99 ގޮނޑި ޕީއެންސީ އިން ހޯދިއިރު، އެމްޑީޕީއަށް ލިބިފައި ވަނީ 82 ގޮނޑި އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސާ އިންގެ 83 ގޮނޑި ޕީއެންސީ އަށް ލިބިފައިވާއިރު، އެމްޑީޕީއަށް ލިބުނީ 60 ގޮނޑި އެވެ. ކޮމެޓީތަކުގެ މެންބަރުންގެ 214 ގޮނޑި ޕީއެންސީއަށް ލިބުނު އިރު، އެމްޑީޕީއަށް ލިބުނީ 167 ގޮނޑި އެވެ.
ސިޓީތަކުގެ ނަތީޖާއިން އެމްޑީޕީވީ ވަނީ ކުރި ހޯދާފައެވެ. އެގޮތުން ސިޓީތަކުގެ 45 ގޮނޑި އެމްޑީޕީން ހޯދިއިރު ޕީއެންސީއަށް ލިބުނީ ފަސް ގޮނޑި އެވެ. ސިޓީތަކުގެ ކޮމެޓީތަކުން އެމްޑީޕީން 42 ގޮނޑި ހޯދި އެވެ. ޕީއެންސީއަށް ލިބުނީ 4 ގޮނޑި އެވެ.
ކޮންމެއަކަސް މި ނަތީޖާއިން ދޭހަވަނީ ދެ ޕާޓީގެ މެދުގައި އޮތް ފޯރިގަދަ ވާދަވެރިކަމެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރަށްރަށުން ލިބުނު ތާއީދެކެވެ. މި ނަތީޖާގެ ސަބަބުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ޕީއެންސީއަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ. ނަމަވެސް، އެމްޑީޕީއަށް ލިބުނު ގޮނޑިތަކާއެކު ވަރުގަދަ އިދިކޮޅު ރޫޙެއްވެސް ދެމިއޮންނާނެކަމަށް ބެލެވެއެވެ.
އިންތިޚާބީ ގޮތުން ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، އިދިކޮޅު އެމްޑީޕީން ދަނީ ސަރުކާރާ ރައްޔިތުންނާ ޖެއްސުމަށް މަސައްކަތްކުރަމުންނެވެ. އިންތިޚާބީ ނަތީޖާތަކަށްފަހު، ރާއްޖޭގެ ސިޔާސީ މަސްރަޙު އިތުރަށް ހޫނުކޮށްލާ، އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް ސިލްސިލާ އިހުތިޖާޖުތަކެއް ވަނީ ފަށާފައެވެ. އެމްޑީޕީން ވަނީ ސަރުކާރުގެ ހިންގުމާއި ސިޔާސަތުތަކަށް ފާޑުކިޔައި، 12 ކަމެއް އިޞްލާޙުކުރުމަށް ގޮވާލާފައެވެ.
އެއްކޮޅުން ޕީއެންސީން ކައުންސިލްތަކުގެ އަޣުލަބިއްޔަތާއެކު ވެރިކަން ހިންގަން މަސައްކަތް ކުރާއިރު، އަނެއްކޮޅުން އެމްޑީޕީން މަސައްކަތް ކުރަނީ މަގުމަތީގެ ހަރަކާތްތަކާއި "12 އިޞްލާޙު" މެދުވެރިކޮށް ސަރުކާރުގެ މިޞްރާބު ބަދަލުކުރުމަށެވެ. މިއީ ރާއްޖޭގެ ޑިމޮކްރެސީގައި އޮތް "ވާދަވެރި ސިޔާސީ ނިޒާމު" އިތުރަށް ހަލަބޮލިވެގެންދާނެ ކަމެކެވެ.
ދިވެހިރާއްޖޭގެ ޑިމޮކްރެސީ މިހާރު އޮތީ ވަރަށް ބޮޑަށް ހަރުދަނާވެފައެވެ. ކުރިއަށް އޮތް ތަނުގައި ސަރުކާރު ހިންގާ ޕާޓީއަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ކައުންސިލްތަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ދިނުމެވެ. ގިނަ އަދަދެއްގެ ކައުންސިލް ގޮނޑިތައް ކާމިޔާބުކުރުމުން، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. އަދި މިއީ ސަރުކާރަށް ސިޔާސަތުތައް ތަންފީޒުކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއްވެސް މެއެވެ. މިއީ ސަރުކާރުގެ ވަޢުދުތަކަށް ރައްޔިތުން ކުރާ އިތުބާރުގެ ފުރިހަމަ ނަތީޖާއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޅަފަތުގައި އޮތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) މިހާރު ވަނީ ރާއްޖޭގެ ސިޔާސީ ޗާޓުގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާފައެވެ. ކައުންސިލްތަކާއި މަޖިލީހުގެ މެޖޯރިޓީއާއެކު، ކުރިއަށް އޮތް އަހަރުތަކަކީ ސަރުކާރުގެ ސިޔާސަތުތައް ދިވެހި މުޖުތަމަޢުގައި އަށަގަންނުވާނެ ދުވަސްތަކެއްކަން ޔަގީނެވެ. ސަރުކާރުގެ ކާމިޔާބީ ބިނާވެފައި އޮންނާނީ މި ލިބުނު ބާރުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދޭ މިންވަރެއްގެ މައްޗަށްކަން ކަށަަވަރެވެ.


