4 މެޗު ބާކީއޮއްވައި ބަޔާން ލީގު ކަށަވަރުކޮށްފި، ހުރިހާ އަމާޒެއް ޗެންޕިއަންސް ލީގަށް
20 އޭޕްރީލު 2026 - 03:12

ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޔާން މިއުނިކުން އާދީއްތަ ދުވަހު ސްޓަޓްގާޓް 4-2 އިން ބަލިކޮށް، ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި ޖަރުމަނު ބުންޑެސްލީގާގެ ތަށި ކާމިޔާބުކޮށްފިއެވެ. މި މޮޅާއެކު ބަޔާން ވަނީ ތާވަލުގެ ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށްވުރެ 15 ޕޮއިންޓް ކުރި ހޯދާފައެވެ. މިމޮޮޅާއެކު ޗެންޕިއަންސް ލީގުގެ ސެމީއަށް ދަތުރުކޮށްފައިވާ ބަޔާންއަށް މިހާރުވަނީ ސީޒަނުގެ ބާކީބައިގައި ހުރިހާ އަމާޒެއް ޗެންޕިއަންސް ލީގަށް އަމާޒުކުރުމަށް މަގުފަހުވެފައެވެ.
މެޗުގެ ކުރީކޮޅު ސްޓަޓްގާޓުން ވަނީ ނުރައްކާތެރި ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ބިލާލް އެލް ޚަންނޫސް ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސް ފިއުރިޗް ވަނީ ލަނޑެއް ޖަހައި ސްޓަޓްގާޓަށް ކުރިހޯދައިދީފައެވެ. ނަމަވެސް، އޭގެ 10 މިނެޓު ފަހުން ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތަކުން ރަފައެލް ގަރޭރޯ ވަނީ ބަޔާންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

Ad by Hajj Corporation
ބަޔާންއިން މެޗުގެ ކޮންޓްރޯލް ހޯދައި، ގަރޭރޯ ދިން ބޯޅައަކުން ނިކޮލަސް ޖެކްސަން ވަނީ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި އަލްފޮންސޯ ޑޭވީސް ވަނީ ހިތްގައިމު ލަނޑެއް ޖަހައި ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހެރީ ކޭން ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ސްޓަޓްގާޓްގެ ދެވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ ޗެމާ އެންޑްރޭސްއެވެ.
މިއީ ބުންޑެސްލީގާގެ ތާރީޚުގައި ފަސްވަނައަށް އެންމެ އަވަހަށް ލީގު ތަށި ކަށަވަރުކުރި ފަހަރެވެ. ބަޔާންއިން މިހާތަނަށް ލީގުގައި 109 ލަނޑު ޖަހާފައިވާއިރު، މިއީ ލީގުގެ އައު ރެކޯޑެކެވެ. މީގެ އިތުރުން، ކޮމްޕެނީ ވަނީ ބުންޑެސްލީގާގައި ކުޅުނު 64 މެޗުން 50 މޮޅު ހަމަކޮށްފައެވެ. މި ޝަރަފު އޭނާއަށްވުރެ އަވަހަށް ހޯދާފައިވަނީ ހަމައެކަނި ޕެޕް ގާޑިއޯލާއެވެ.
ކޮމްޕެނީގެ ކުރިއަށް އޮތް ގޮންޖެހުމަކީ 2012-13 ވަނަ އަހަރުގެ ސީޒަނުގައި ޔޫޕް ހައިންކެސްގެ އިރުޝާދުގެ ދަށުން ބަޔާންއިން ހޯދި 91 ޕޮއިންޓުގެ ރެކޯޑާ ހަމަކުރުމެވެ. އެ ރެކޯޑާ ހަމަކުރުމަށް ބަޔާންއިން ކުރިއަށް އޮތް ހަތަރު މެޗުންވެސް މޮޅުވާން ޖެހޭނެއެވެ.


