ހައިކޯޓާއި ފެމެލީކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން ޢައްޔަންކޮށްފި
20 އޭޕްރީލު 2026 - 12:18

ހައިކޯޓާއި ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން ޢައްޔަންކޮށްފިއެވެ.
ޖޭއެސްސީން ބުނީ. ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްފަނޑިޔާރަކު ހޯދުމަށް ކުރި އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އިސްފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
ހަމައެހެންމެ، ފެމެލީ ކޯޓަށް އިސްޤާޟީއަކު ހޯދުމަށް ކުރި އިޢުލާނުގެ ދަށުން ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އިސްޤާޟީކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ފެމިލީ ކޯޓުގެ އިސްފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 20 އެޕްރީލް 2026 ވީ ހޯމަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާގައި ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ. އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2025 އޯގަސްޓް 03 ވަނަ ދުވަހުއެވެ.
އަލްއުސްތާޛު ޢަބްދުﷲ ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ވަނީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުކަމާއި ނ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުކަމާއި ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމް އަދާކުރައްވާފައިވެއެވެ. ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ފެމެލީ ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރެފައިވަނީ 2016 މާރިޗު 24 ވަނަ ދުވަހުއެވެ.


