ގެގް އޯޑަރު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްފި
17 މޭ 2026 - 11:17

"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރު އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި ހުށަހެޅުން އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނެރުނު އަމުރާ ހިލާފުވެގެން "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ވަނީ ޖަލަށްލައިފައެވެ. އެމްޖޭއޭގެ ނައިބު ރައީސްކަން ކުރާ ޝަހްޒާން ޖަލަށްލާން ކްރިމިނަލް ކޯޓުން ނިންމީ 15 ދުވަހަށެވެ. ލީވާން ޖަލަށްލާން ނިންމީ 10 ދުވަހަށެވެ.

Ad by Hajj Corporation
އެކަން ކުށްވެރިކޮށް އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުން މަހުރޫމުވެފައިވާ ކަމަށެވެ. މި އަމުރުގެ ސަބަބުން ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅިފައިވާ ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައިވެއެވެ.
މިއީ ބައިނަލްއަގުވާމީ މުއާހަދާތަކުން ލާޒިމުކުރާ، ލީގަލިޓީ، ނެސެސިޓީ އަދި ޕްރޮޕޯޝަނަލިޓީގެ މިންގަނޑުތަކަށް ފެތޭ އަމުރެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.
އެމްޖޭއޭގެ ފަރާތުން އެ އަމުރު އިސްތިއުފާނުކުރުމަށް ހުށަހެޅިއެވެ. ނަމަވެސް އެމްޖޭއޭއަކީ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތެއްކަމަށް ނުވާތީ، އެ އަމުރު އިސްތިއުނާފުކުރުމުގެ ޙައްޤު އެ ފަރާތަށް ލިބިގެންނުވާކަމަށް ބަލައި އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުން ވަނީ އަންގާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުކުރުމުގެ ތުހުމަތުގައި "އަދަދު" ގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޝަރީއަތް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފިޔާޒާއި ހަސަނުގެ މައްޗަށް ދައުވާ ކުރަނީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެންނެވެ. މި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ.
ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ވެސް އަމުރުކޮށްފައެވެ. އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ވެސް އަމުރުގައިވެއެވެ.


