logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބީއެމްއެލްގެ ސާފު ފައިދާ 631 މިލިއަން ރުފިޔާއަށް!

ޒިދާން މުޙައްމަދު
20 އޭޕްރީލު 2026 - 12:54
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބީއެމްއެލްގެ ސާފު ފައިދާ 631 މިލިއަން ރުފިޔާއަށް!

މި ހިންގާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭންކު އޮފް މޯލްޑިވްސް -- ބީއެމްއެލްގެ ސާފު ފައިދާ 631 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ބީއެމްއެލްގެ މިއަހަރުގެ ފުރަތަމަ ތިން މަހުގެ، މާލީ ނަތީޖާއިން ހާމަވާ ގޮތުގައި، ވޭތުވެދިޔަ 2025 ވަަނަ އަހަރުގެ ރެކޯޑު ކުރިއެރުމާއެކު މިހިނގާ 2026 ވަނަ އަހަރުގެ މާލީ ދުވެލިވެސް އެ ބޭންކުން މިވަނީ ދަމަހައްޓާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ގައުމީ ބޭންކު -- ބީއެމްއެލްއިން ހޯދާފައިވާ ބޮޑު ކުރިއެރުމަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެއް ކަމަށް އެ ބޭންކުން ބުނެއެވެ. މި ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ބީއެންއެލްއިން ބުނީ، އެ ބޭންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެ ބޭންކު ހިންގުމުގެ ޚަރަދުތައް ވަރަށް ބަލައިގެން މެނޭޖްކުރެވުމުގެ ސަބަބުން ހަރުދަނާ މިންގަޑެއްގައި ހިފެހެއްޓި، އާމްދަނީއާ އަޅާބަލާއިރު ޚަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް އިތުރަށް ރަނގަޅުކޮށްފައެވެ. މީގެ އިތުރުން އައި.އެފް.އާރް.އެސް9ގެ މިންގަނޑުތަކާ އެއްގޮތަށް ލޯނުތަކަށް އުނިކުރެވޭ މިންވަރު (އީ.ސީ.އެލް) ވެސް ދަނީ ހަރުދަނާ ގޮތެއްގައި ކަނޑައެޅި ބަލަހައްޓަމުންނެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ބޭރުފައިސާގެ ޑިޕޮސިޓްތައް ބޮޑުދައުރެއް އަދާކުރާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު  އިތުރުވެ، ލޯނުގެ ޖުމްލަ ޢަދަދުވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މީގެ އިތުރުން، ބީއެމްއެލްގެ މާލީ ނަތީޖާއިން ފާހަގަކުރެވުނު ކަންކަން:

ބޭރު ފައިސާގެ އެހީތެރިކަމާއި ބޭނުންތައް އިތުރުވުން

ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް މުދާގެނައުމަށާއި އެހެން ވިޔަފާރި ބޭނުންތަކަށް، ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ބީއެމްއެލްއިން ވިއްކާފައިވެއެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދެކެވެ. އަދި މިބޭނުމަށް މިދިޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު %142 އިތުރު ޢަދަދެކެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެތެރޭގައި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން 32 ހާސް މުޢާމަލާތަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް، ކްރެޑިޓް ކާޑާއި ޑެބިޓްކާޑު މެދުވެރިކޮށް ކުރެވުނު މުޢާމަލާތްތަކަށް 119.9 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ އެވްރެޖްކޮށް މަހަކަށް 40 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކުނު ޢަދަދަށްވުރެ %23 އިތުރު ޢަދަދެކެވެ.

ބޭރު ފައިސާލިބޭ މިންވަރަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވުމާއި، ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ މިންވަރު ދަށްވުމުގެ ސަބަބުން، ކްރެޑިޓްކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން އަންނަ ފައިސާ (ނެޓް ކާޑު އިންފްލޯ) މި މަހުގެ މިހާތަނަށް ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާކަން ބޭންކަށް ފާހަކުރެވިފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. ހަމައެއާއެކު، މުދާ އެތެރެކުރުމަށާއި ބޭރުގެ ޚިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ވަނީ ދެގުނަ އިތުރުވެފައެވެ. މި ބަދަލުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން އެ ބޭންކު މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ ބޭންކު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ (ނެޓް އައުޓްފްލޯ) ވަރަށް ބޮޑުތަނުން އިތުރު ވެގެންދާނެއެވެ.

އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތައް

މިފަދަ ގޮންޖެހުންތަކާއެކުވެސް، ބޭންކުން ދަނީ ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް މެނޭޖްކުރަމުންނެވެ. އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު އެކަނިވެސް ކާބޯތަކެއްޗާއި މުހިންމު މުދާ އެތެރެކުރުމަށް، ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް 25 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭންކުން ވަނީ ބޭރުފައިސާ ވިއްކާފައެވެ. މިއީ ފުރަތަމަ ކުއާޓަރުގެ އެވްރެޖަށްވުރެ މާމަތީ ޢަދަދެއްގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. އަދި ހަމަ އެހެންމެ ކްރެޑިޓް ކާޑާއި، ޑެބިޓް ކާޑުތަކުގެ މުޢާމަލާތްތަކަށް ބޭރު ފައިސާ ވިއްކި ޢަދަދުވެސް ވަރަށް ބޮޑުތަން އިތުރުވެފައިވެއެވެ. އެގޮތުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު 22 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. ރާއްޖެއިން ބޭރުން އަންނަ ފައިސާ މަދުވާމިންވަރު އިތުރުވެގެން ދާނަމަ، ނިސްބަތުން އެއާއި އެއްވަރަކަށް ބޭރުފައިސާ ވިއްކާ ޢަދަދަށް ވަގުތީ ގޮތުން އަޅަންޖެހިދާނެ ފިޔަވަޅެއް މެނުވީ، ބޭންކުން މަސައްކަތް ކުރާނީ މެދުނުކެނޑި ވިޔަފާރިތަކާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިގްތިސާދީ މުހިންމު ދާއިރާތަކަށް އެހީތެރިވުން

މި ދަނޑިވަޅުގައި ބޭންކުން ދަނީ ފަތުރުވެރިކަން، އިމާރާތްކުރުން، މަސްވެރިކަން އަދި އެހެނިހެން ސިނާއަތްތަކާ ގާތުން މަސައްކަތްކޮށް، އެ ދާއިރާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަންނަމުންނެވެ. އަދި އެ ސިނާއަތްތައް ދެމެހެއްޓުމަށް ބޭނުންވާ ވިޔަފާރި ރައުސްމާލާއި މާލީ އެހީތެރިކަން ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ.

ލޯނު ދޫކުރުން އިތުރުވުން

މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި މި ހުރިހާ ސިނާޢަތްތައް ހިމެނޭހެން ބޭންކުން މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވެއެވެ. އަދި މީގެ އިތުރުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާގެ ލޯނާއިއެކު، މިއަހަރު ދޫކުރެވިފައިވާ އާ ލޯނުގެ ޢަދަދު މިހާރު ވަނީ 5 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ. މިއީ 2025 ވަނަ އަހަރު މުޅި އަހަރު ދޫކުރި އާ ލޯނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. މިއިން ހާމަވަނީ ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުމަށް ބޭންކުން ދޭ އަހައްމިއްޔަތެވެ.

ޚިދުމަތުގެ ވިއުގަ އިތުރަށް ފުޅާކުރުން

2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން ތ. ވިލުފުށި، އއ. ތޮއްޑޫ، ހދ. ހަނިމާދޫ، ލ. ހިތަދޫ، ސ. ހުޅުދޫ އަދި ހދ. ކުޅުދުއްފުށީގައި ބޭންކުގެ އައު ބްރާންޗުތައް ހުޅުވައި، ރާއްޖޭގެ 70 ރަށެއްގައި އަލަށް 90 އޭޓީއެމް ވަނީ ބެހެއްޓިފައެވެ. މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި70 ރަށުގައި ބެހެއްޓުނު 90 އޭޓީއެމްގެ ޚިދުމަތް އެއްފަހަރާ ސިންކްރޮނައިޒްކޮށް ފަށާފައެވެ. މި އައު އޭޓީއެމް ތަކާއިއެކު، ބޭންކުގެ ވިއުގަ މިހާރު ވަނީ 253 ދިވެހި ރުފިޔާ އޭޓީއެމް އަދި 86 ޔޫއެސް ޑޮލަރު އޭޓީއެމްއަށް ފުޅާވެފައެވެ.

މާކެޓް ކެޕިޓަލައިޒޭޝަން އިތުރުވުން

ނިމިދިޔަ ކުއާޓަރުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ އެންމެ ފަހުން ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ފާސްކުރި ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމުގެ (ޝެއަރ ސްޕްލިޓް) ނިންމުމާ ގުޅިގެން، ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 7.8 ގުނަ އުފުލިފައެވެ. ކުންފުނީގެ މި ނިންމުންތަކާއެކު، އަހަރީ އާންމު ޖަލްސާގެ ކުރިން 3.6 ބިލިއަން ރުފިޔާގައި ހުރި މާކެޓް ކެޕިޓަލައިޒޭޝަން، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ވަނީ 28.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޖުމްލަގޮތެއްގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ދައްކާފައިވަނީ މާލީ ގޮތުން ވަރުގަދަ، އަދި ދެމެހެއްޓެނިވި ފައިދާއެއް ހޯދަމުންދާ ފުރިހަމަ ނަތީޖާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބީއެމްއެލްގެ ސާފު ފައިދާ 631 މިލިއަން ރުފިޔާއަށް!ޚަބަރު | ގަޑިއިރެއް ކުރިންއިއްތިހާދު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިޚަބަރު | މަހެއް ކުރިންނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފިކުޅިވަރު | 6 މަސް ކުރިންވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފިޚަބަރު | 7 މަސް ކުރިން