ހިތަދޫ އުތުުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
21 އޭޕްރީލު 2026 - 03:53

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ އިތުރުން، ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދެވެ.

Ad by Hajj Corporation
ޕީއެންސީން ބުނީ މި ޕްރައިމަރީ އޮންނާނީ އޭޕްރިލް މަހުގެ 25 ވާ ހޮނިހިރު ދުވަހު ކަމަށެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ.
މި ޕްރައިމަރީގައި ވޯޓުލުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ހިތަދޫ އުތުރު ދާއިރާގައާއި މާލޭގައި ބަހައްޓާ ޚާއްޞަ ވޯޓު ފޮށިތަކަށެވެ. ވޯޓުލުމުގެ އިންތިޒާމުތައް ތަރުތީބުކޮށްފައިވާ ގޮތުން، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާއަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ވޯޓުލާނީ ހިތަދޫގައި ބަހައްޓާ ފޮށިތަކަށެވެ. އަދި މާލެއާއި އަތޮޅުތެރޭގެ އެހެން ރަށްތަކަށް ރަޖިސްޓްރީވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓު ފޮށިތަކަށެވެ.
ހިތަދޫ އިތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ، މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ލޯނަކަށް، ކޯޓު ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ. އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
މި ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީ އިން ވާދަކުރަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) އެވެ.
މި އިންތިޚާބުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ޕީއެންސީގެ އިންތިޚާބީ ކޮމިޓީގެ ސީދާ ބެލުމުގެ ދަށުންނެވެ. އިންތިޚާބު ބޭއްވުމަށް ބޭނުންވާ އިދާރީ އިންތިޒާމުތަކާއި، ވޯޓުލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.


