ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ދިފާއީ ވަޒީރު ޝަރަފްވެރިކޮށްދެއްވައިފި
21 އޭޕްރީލު 2026 - 06:28

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބާއްވައިފި އެވެ.
މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގެ ތެރެއިން، މިއަހަރުގެ ސިފައިންގެ ދުވަހަށް ކަނޑައަޅާފައިވާ ޚާއްޞަ ޝިއާރު "އަސްކަރީ އަޚުލާޤު – ސިފައިންގެ ކުރިއެރުން" މި ޝިއާރު ވަނީ އިޢުލާން ކުރައްވާފަ އެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން ޢަލީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސިފައިންގެ އެކި ރޭންކުތަކުގެ އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
މި ރަސްމިއްޔާތު ނިމިގެން ދިޔައީ މިފަދަ މުނާސަބަތުތަކުގައި ކިޔުމަށް ޚާއްޞަ ކުރެވިފައިވާ ދުޢާއަކާއި ސިފައިންގެ ލަވައިންނެވެ.
2026 ވަނަ އަހަރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި ދިދަ ނެގުމުގެ ރަސްމިއްޔާތު، މާލޭގެ އިތުރުން ސިފައިންގެ އޭރިއާ ކޮމާންޑްތައް ޤާއިމްކޮށްފައިވާ ރާއްޖޭގެ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ އެއްވަގުތެއްގައި ކުރިއަށް ގެންގޮސްފަ އެވެ.
މި އަހަރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މިލިޓަރީ ޕެރޭޑް އޮންނާނީ އަންނަ މެއި މަހުގެ ދޭއްވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގަ އެވެ. މި ހިނގާލުމުގައި ކަނޑާއި، އެއްގަމާއި، ވައިގެ ބާރުގެ ލަޝްކަރުތައް ފެނިގެންދާނެ އެވެ.
ސިފައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.


