logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 92 މައްސަލައެއް!

ޒިދާން މުޙައްމަދު
22 އޭޕްރީލު 2026 - 18:05
މިދިޔަ މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 92 މައްސަލައެއް!

މިދިޔަ މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 92 މައްސަލައެއް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާގެ މި އަހަރު މާރިޗު މަހު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 24 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 8 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 16 މައްސަލައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމައެހެންމެ، މީގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 19 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 06 މައްސަލަ، ކުޑަކުދިންނަށް ޖިންސީ " ގްރޫމިންގް " ކުރުމުގެ 5 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 2 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ 1 މައްސަލަ، ކުޑަކުދިންގެ ބަދުއަހުލާޤީ އަމަލު ހިންގާ ވީޑިއޯގެ 1 މައްސަލައާއި އެހެނިހެން 3 މައްސަލައެކެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން މާރިޗު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 60 މައްސަލައަކާއި ފިރިހެން ކުދިންގެ 32 މައްސަލައެކެވެ.

ކުދިންގެ އަޚްލާގީ މައްސަލަތައް:

2026 ވަނަ އަހަރުގެ މާރިޗު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 17 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަތަކެވެ. އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ މައްސަލަތަކެވެ.

ހަމައެހެންމެ، ގެއިން ނިކުމެގެން ދިއުމުގެ 3 މައްސަލައާއި، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 1 މައްސަލަ ވެސް މާރިޗު މަހު ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން، އެހެނިހެން މައްސަލަތަކުގެ 09 މައްސަލަ ހިމެނެއެވެ.

ކުދިންގެ އަޚްލާގީ މައްސަލަތަކާއި ގުޅިގެން މާރިޗު މަހު އެ ވުޒާރާއަށް ރިޕޯޓްކޮށްފައިވަނީ ފިރިހެން ކުދިންގެ 9 މައްސަލައަކާއި އަންހެން ކުދިންގެ 8 މައްސަލައެކެވެ.

ކުޑަކުދިންގެ ޚައްޤުތަކާއި ގުޅުންހުރި މައްސަލަތައް:

2026 ވަނަ އަހަރުގެ މާރިޗު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ ޚައްޤުތަކާއި ގުޅުންހުރި މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މިގޮތުން ހިމެނެނީ، ކުދިން ސްކޫލަށް ނުފޮނުވުމާއި ގުޅޭ މައްސަލައެވެ.

އާއިލީ މައްސަލަތައް:

2026 ވަނަ އަހަރުގެ މާރިޗު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ޢާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކުދިން ބެލުމުގައި ޖެހޭ މައްސަލައިގެ 14 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލަތަކުގެ 14 މައްސަލައާއި، ހަޟާނާގެ މައްސަލަތަކުގެ 4 މައްސަލަ އަދި އެހެނިހެން މައްސަލަތަކުގެ 1 މައްސަލައެވެ.

ޢާއިލީ މައްސަލަތަކުގެ ތެރޭގައި ޖުމްލަކޮށް ހިމެނެނީ، އަންހެންކުދިންގެ 15 މައްސަލައާއި ފިރިހެން ކުދިންގެ 18 މައްސަލައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް:

2026 ވަނަ އަހަރުގެ މާރިޗު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 50 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 24 މައްސަލައެއް ވަނީ މާރިޗު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 18 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 6 މައްސަލައެކެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 12 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ މައްސަލަތަކެވެ.

ހަމައެހެންމެ، މީގެ ތެރޭގައި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 4 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ، އިހުމާލުވުމުގެ 2 މައްސަލަ، މާލީ/ އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގެ ހުރަސްއެޅުމުގެ 2 މައްސަލަ، ފާރަލުމުގެ 1 މައްސަލަ، މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ، ހިފެހެއްޓުމުގެ އަމަލުގެ 1 މައްސަލައާއި، ގަދަކަމުން ގެއަށް ވަނުމުގެ 1 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 40 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 10 މައްސަލައެކެވެ.

އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅުންހުރި މައްސަލަތައް:

2026 ވަނަ އަހަރުގެ މާރިޗު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް، އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 16 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 8 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 3 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 5 މައްސަލައެކެވެ.

ހަމައެހެންމެ، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 2 މައްސަލަ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 2 މައްސަލަ، މާލީ ގޮތުން އެހީތެރިކަން ބޭނުންނާ ފަރާތްތަކާއި އާއިލާތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 2 މައްސަލަ، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ތަހައްމަލުކުރަމުންދާ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 1 މައްސަލައާއި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 1 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މާރިޗު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އަޅާލުމާއި އެހީތެރިވުމާއި ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންގެ 4 މައްސަލައާއި އަންހެނުންގެ 12 މައްސަލައެވެ.

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅުންހުރި މައްސަލަތައް:

2026 ވަނަ އަހަރުގެ މާރިޗު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 3 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މިގޮތުން، ރިޕޯޓުކޮށްފައިވަނީ ނަފްސާނީ ދުޅަހެޔޮކަން ތަހައްމަލުކުރަމުންދާ ކުޑަކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 2 މައްސަލައާއި، ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލައެވެ.

މާރިޗު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންނާއި ގުޅުންހުރި 3 މައްސަލައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި ގުޅޭ:

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2026 ވަނަ އަހަރުގެ މާރިޗު 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 156 ކުދިންނެވެ. އެގޮތުން، ހިމެނެނީ 85 ފިރިހެން ކުދިންނާއި 71 އަންހެން ކުދިންނެވެ.

ހަމައެހެންމެ، މާރިޗު މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 1 ކުއްޖަކު ފޮސްޓަރިން ޢާއިލާއަކާ ހަވާލުކުރެވިފައިވެއެވެ.

ވުޒާރާގެ ހެލްޕްލައިންއަށް ލިބިފައިވާ ކޯލުތަކުގެ އަދަދު

2026 ވަނަ އަހަރުގެ މާރިޗު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2046 ކޯލު ވަނީ ލިބިފައެވެ.

އެގޮތުން، މި ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1646 ކޯލު ވަނީ  ލިބިފައެވެ. މީގެ ތެރެއިން، 105 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކެވެ. އަދި، 1206 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 335 ކޯލު ވަނީ ލިބިފައެވެ.

ހަމައެހެންމެ، އެ ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 400 ކޯލު ވަނީ ލިބިފައެވެ.

ކައުންސިލިން ސަރވިސެސް:

2026 ވަނަ އަހަރުގެ މާރިޗު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ 83 ފަރާތަކަށް ކައުންސިލިން ސެޝަން ފޯރުކޮށްދީފައިވެއެވެ. އަދި 1 ފަރާތަކަށް ޓްރެއުނިންގ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު، 5 ފަރާތަކަށް ޕޭރެންޓިން ސެޝަން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި 56 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 92 މައްސަލައެއް!ޚަބަރު | 2 ގަޑިއިރު ކުރިން