ދަނާލުގައި ނިޔާވި މީހާގެ މައްސަލަ: ފުލުހުން އަމަލުކުރިގޮތް ބެލުމަށް އިންޓަރނަލް އިންކުއަރީއެއް ހިންގަނީ
23 އޭޕްރީލު 2026 - 04:46
.jpg&w=3840&q=75)
ދަނާލުގައި ނިޔާވި މީހާގެ މައްސަލައިގައި ފުލުހުން އަމަލުކުރިގޮތުގެ އިންޓަރނަލް އިންކުއަރީއެއް ހިންގާނެ ކަަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ދަނާލުގައި ނިޔާވި މީހާގެ މަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ. އެގޮތުން ވަޒީރު އަލީ އިޙްސާން ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ގައި އެ އަންހެން މީހާގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓްގެ ވައިބަރ ނަންބަރަށް މެސެޖެއް ލިބުނު ކަމަށެވެ. އަދި 8:49 އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދިން ކަމަށާއި އެ މެސެޖަށް އޭނާގެ ފަރާތުން ޖަވާބެއް އައީ 8:50 ގައި ކަމަށެވެ.

Ad by Hajj Corporation
ވަޒީރު އިތުރަށް ވިދާޅުވީ އެރޭ 8:53 ގައި ދެ މެސެޖު ކުރި ކަމަށާއި އެއީ އޭނާ ރަނގަޅު ކަމަށާއި 8:56 ގައި ބޭރަށް ދާ ކަމަށް ބުނެ މެސެޖު ކުރި ކަމަށެވެ. އަދި އެރޭ ދަންވަރު 12:38ގައި "އައިއެމް ގޯން" ކަމަށް ބުނެ ވިކްޓިމް ސަޕޯޓަށް މެސެޖު ކުރި ކަން ފާހަފަކުރައްވާ ވިދާޅުވީ އޭގެ 3 މިނެޓު ތެރޭގައި އޭނާއަށް ޖަވާބުދީފައިވާ ކަަމަށެވެ. އަދި މިއީ އެ އަންހެން މީހާއާއި ފުލުހުންގެ ވިކްޓިމް ސަޕޯޓާ ދެމެދު ކުރެވުނު އެންމެ ފަހުގެ މުއާމަލާތް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެ އަންހެން މީހާ ފުލުހުންނަށް ގުޅަން މަސައްކަތްކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިފައިވަނީ ހަގީގަތާ ޚިލާފު މައުލޫމާތެއް ކަމަށާއި އެކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް ވަޒީރު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ވަރަށްބޮޑަށް އެދޭ ކަމަށާއި މީގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މި ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ ވިކްޓިމް ސަޕޯޓުން އެންމެ ފަހުން ފޮނުވި މެސެޖަށް އަންހެން މީހާ ޖަވާބު ނުދީ އޭނާ އޮފްލައިންވުމުން 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އަދި ފުލުހުން 1:08 ހާއިރު ދަނާލަށް ވަދެފައިވާކަމަށާއި އެ އަންހެން މީހާ ދިރިއުޅުނު ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އެތެރޭގެ ރިވިއުއެއް ހިންގާނެ ކަމަށާއި މިނިވަން މުއައްސަސާތަކުންވެސް އެ މައްސަލަ ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ.


