ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްގެ މަސައްކަތް މިމަހު ފަށަނީ
18 ޖޫން 2026 - 04:33

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ޖަލުތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ބިނާކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ ޖޫން މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އިއުލާނު ކުރައްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، މިހާރު ހުރި ޖަލުތަކަކީ ކުށްވެރިން އިސްލާހުކޮށް އަލުން މުޖުތަމައަށް ނެރުމަށް އެންމެ އެދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަން ނޫން ކަމަށެވެ. އެހެންކަމުން، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އެންމެ ފުރިހަމައަށް ހިންގޭނެ ފަދަ ނިޒާމެއްގެ ދަށުން މި އައު ކޮމްޕްލެކްސް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

Ad by Hajj Corporation
ވަޒީރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ސަބަބުން މި މަޝްރޫޢު ފެށުން ކުޑަކޮށް ލަސްވި ނަމަވެސް، މިހާރު ހުރިހާ ކަމެއް ތަރުތީބުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާރު ހުރި ބައެއް ޖަލުތައް އައު އިމާރާތަށް ބަދަލުކުރަން ފެށޭނެ ކަމަށް ވަޒީރު އުއްމީދު ކުރައްވައެވެ.
އަދި ޖަލުތަކުގެ ނިޒާމަށް ގެންނަ އިސްލާހީ ބަދަލުތަކާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، ޖަލު ހުކުމް ތަންފީޒުކުރާ ފަރާތްތަކުން ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވާ ކޮންމެ ދުވަހަކަށް، އެ މީހެއްގެ ހުކުމުން ދުވަހެއް އުނިވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި،މި އިސްލާހު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްވެ، އަމަލީ ގޮތުން ތަންފީޒުވާން ފަށާނެ ކަމަށް ވަޒީރު ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ފެސިލިޓީގައި ރެޒިޑެންޝަލް ޔުނިޓްތަކުގެ އިތުރުން، ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީއަކާއި، ހާފްވޭ ހައުސް، ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް، މެޑިކަލް ފެސިލިޓީ އަދި 1000 މީހުންގެ ޖާގައިގެ މިސްކިތެއް ހިމެނޭނެއެވެ. މީގެ އިތުރުން، ކުށްކުރާ ކުޑަކުދިން އިސްލާހުކުރުމަށް "ހޯޕް އައިލެންޑް" ވެސް މި ސަރަޙައްދުގައި ތަރައްގީކުރެވޭނެއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިންގުން ހަރުދަނާކޮށް، ޖަލުތަކަކީ ކުށްވެރިން އިސްލާހުކޮށް މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހަދައިދޭ ނަމޫނާ މުއައްސަސާއަކަށް ބަދަލުކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


