ރަސްމާލެ ހިއްކުމުގެ ދެބައިކުޅައެއްބައި މަސައްކަތް ނިމިއްޖެ
23 އޭޕްރީލު 2026 - 13:07

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދެބައިކުޅައެއްބައި މަސައްކަތް ނިމިފައިވާކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ރަސްމާލެ މަޝްރޫޢަކީ މިފަހުން ރާއްޖޭގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ދަށުން، ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، 50 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 1އާއި ފޭސް 2 އެއްކޮށްލީމަ ވާވަރުގެ ސަރަހައްދެއް މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ.

Ad by Hajj Corporation
މީގެއިތުރުން، ވަޒީރު ވިދާޅުވީ، އެ މަޝްރޫޢުގެ ތެރެއިން މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތްތަކާއި، ލޭންޑްޔޫސް ޕްލޭނާއި ޓެކްނިކަލް މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެމްއޭސީއެލްއިންވަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ އެއްފަހަރާ 46000 އަކަ މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ ކްރިސްޓަބަލް ކޮލޮން ބޭނުންކުރަން ފަށާފައެވެ.


