ޓްރަމްޕް މަގާމުން ވަކިކުރި ފަހުން "އައި.ސީ.އީ ބާބީ" އިތުރު ފަޟީހަތެއްގެ ތެރެއަށް
24 އޭޕްރީލު 2026 - 10:11

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީގެ މަގާމުން ވަކިކުރި ނަމަވެސް، "އައި.ސީ.އީ ބާބީ" ގެ ނަމުން މަޝްހޫރުވެފައިވާ ކްރިސްޓީ ނޯމް އަދިވެސް ވޮޝިންގްޓަން ޑީ.ސީގެ މިލިޓަރީ ބޭހެއްގައި ހުންނަ ސަރުކާރުގެ ރަސްމީ ގެއިން ނުނިކުމެ އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އުމުރުން 54 އަހަރުގެ ނޯމް، ޖޮއިންޓް ބޭސް އެނަކޮސްޓިއާ-ބޯލިންގްގައި ހުންނަ، އާންމުކޮށް ކޯސްޓް ގާޑް ކޮމަަންޑަންޓުންނަށް ހާއްސަ ކުރެވިފައިވާ މި ގޭގައި ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. އޭނާ އެ ގެއަށް ބަދަލުވީ އޭނާއަށް އިންޒާރުތަކެއް ލިބެމުންދާތީ ރައްކާތެރިކަން ބޭނުންވާ ކަމަށް ބުނެއެވެ. ނަމަވެސް، ޓެކްސް ދައްކާ މީހުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން، މާޗް 5 ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާ މަގާމުން ވަކިކުރެއްވުމުން، އެ ގެއިން ހުސްކުރާނެ ކަމަށް ބެލެވުނެވެ.

Ad by Hajj Corporation
ދަ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓް ކުރާ ގޮތުގައި، މަގާމުން ވަކިކުރިތާ ހަތް ހަފުތާ ވެގެންދިޔައިރުވެސް ނޯމް އަދިވެސް ހުންނެވީ ކޯސްޓް ގާޑުގެ އެ ގޭގައެވެ. މި ހަފުތާގެ ކުރީކޮޅުވެސް ނޯމް އާންމުކޮށް ބޭނުންކުރާ ކަޅު ކުލައިގެ ސަބާބަން އެސް.ޔޫ.ވީއެއް އެ ގޭގެ ބޭރުގައި ޕާކުކޮށްފައި އޮއްވާ ފެނިފައިވާ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން، ޔޫ.އެސް ކޯސްޓް ގާޑުގެ އޮފިޝަލުންނަށް ވެސް ފާއިތުވި ދުވަސްތަކުގައި އެ ބޭސްއިން ނޯމް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޯސްޓް ގާޑަކީ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީ.އެޗް.އެސް) ގެ ދަށުން ހިނގާ ތަނެކެވެ. ނަމަވެސް ނޯމްގެ މިހާރުގެ އާ މަގާމު ކަމަށްވާ "ސްޕެޝަލް އެންވޯއީ ފޯ ދަ ޝީލްޑް އޮފް ދަ އެމެރިކާސް" އަކީ ސްޓޭޓް ޑިޕާޓްމަންޓުގެ ދަށުން ހިނގާ މަގާމެކެވެ. ބުނެވޭ ގޮތުގައި މިއީ އޭނާ ސެނެޓަށް ކުރިމަތިލުން ހުއްޓުވުމަށްޓަކައި ޓްރަމްޕް އުފެއްދެވި މަގާމެކެވެ. އެހެންކަމުން، ޑީ.އެޗް.އެސްގެ ދަށުން ހިނގާ ގެއެއްގައި އޭނާ ހުރުމުގެ ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ، ނޯމްއާ ސިއްރު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވޭ ކޯރީ ލެވަންޑޯސްކީ ވެސް އެ ގޭގައި ދިރިއުޅެމުންދާ ކަމުގެ ރިޕޯޓްތަކާ ގުޅިގެންނެވެ. ނޯމްގެ ފިރިމީހާގެ ސިއްރު "ބިމްބޯފިކޭޝަން" ފެޓިޝް އާއި އޮންލައިންކޮށް އަންހެން ހެދުން އަޅައިގެން އުޅޭ އުޅުން ފަޅާއަރައި، އޭނާއަށް ކުރިމަތިވި ފަޟީހަތަށް ފަހު، ލެވަންޑޯސްކީ އާއި ނޯމް އަދިވެސް ދިރިއުޅެމުން ދަނީ ކޯސްޓް ގާޑުގެ އެ ގޭގައި ކަމަށް ނިއުޔޯކް ޕޯސްޓުން ވަނީ ރިޕޯޓްކޮށްފައެވެ.
ލެވަންޑޯސްކީ ވަނީ ވަކީލެއް މެދުވެރިކޮށް ދިން ބަޔާނެއްގައި، ވަރަށް ގިނަ ބަޔަކު މަސައްކަތުގެ ހައިސިއްޔަތުން އެ ގޭގައި ނޯމްއާ ބައްދަލުކުރަން ޒިޔާރަތްކުރާ ކަމަށް ބުނެފައެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން ނޯމްގެ މަންދޫބަކު އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ވައިޓް ހައުސް އާއި ސްޓޭޓް ޑިޕާޓްމަންޓުން ވެސް މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.


