14 އަހަރުގެ އަންހެން ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ލަވަކިޔުންތެރިޔާ ޑީފޯވީޑީ ގެ މައްޗަށް ދައުވާ އުފުލައިފި
21 އޭޕްރީލު 2026 - 02:49

އުމުރުން އެންމެ 14 އަހަރުގެ ސެލެސްޓް ރިވާސް ހެނާންޑޭޒް މަރާލި ކަމުގެ ތުހުމަތުގައި، މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ލަވަލިޔުންތެރިޔާ ޑޭވިޑް އެންތަނީ ބާކް (ޑީފޯވީޑީ) ގެ މައްޗަށް ފުރަތަމަ ދަރަޖައިގެ މީހަކު މެރުމުގެ ދައުވާ އުފުލައިފިއެވެ.
މި ފަންނާނުގެ މައްޗަށް މި ސީރިއަސް ދައުވާތައް އުފުލާފައިވަނީ، އޭނާގެ މިލްކިއްޔާތުގައި އޮތް ޓެސްލާ ކާރެއްގެ ތެރެއިން މިދިޔަ އަހަރު ހެނާންޑޭޒްގެ ހަށިގަނޑުގެ ބައިތައް ފެނުމާ ގުޅިގެންނެވެ.

Ad by Hajj Corporation
ލޮސް އެންޖެލެސް ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ ނޭތަން ހޮޗްމަން ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ބާކްގެ މައްޗަށް އުފުލާފައިވަނީ ހާއްސަ ހާލަތްތަކާއެކު ފުރަތަމަ ދަރަޖައިގެ މީހަކު މެރުމުގެ ދައުވާއާއި، 14 އަހަރުން ދަށުގެ ކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގުމުގެ ދައުވާގެ އިތުރުން ހަށިގަނޑަށް އިހާނެތިކޮށް ހިތުމުގެ ދައުވާ ކަމަށެވެ. "މި ދައުވާތަކަކީ ޑީއޭ އޮފީހަކަށް ހުށަހެޅޭނެ އެންމެ ސީރިއަސް ދައުވާތައް،" ހޮޗްމަން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގުގައި ހާމަވެފައިވާ ގޮތުގައި، ހެނާންޑޭޒްގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ 8 ސެޕްޓެމްބަރު 2025 ގައެވެ. އެއީ ހޮލީވުޑް ޓޯ ޔާޑުގައި އޮތް ކާރަކުން ނުބައި ވަހެއް ދުވާތީ ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ހިންގި ބަލައިފާސްކުރުމުގެ ތެރެއިންނެވެ. ކޯޓު ރެކޯޑްތަކުން ދައްކާ ގޮތުގައި، ބާކްގެ ނަމުގައި އޮތް އެ ޓެސްލާ ކާރުގެ ޑިކީ ތެރޭގައި އޮތް ކަޑާވާ ކޮތަޅުތަކަކުން ފެނިފައިވަނީ ވަރަށް ބޮޑަށް ކުނިވެ، ބައިބައިކޮށްފައިވާ ހަށިގަނޑުގެ ބައިތަކެކެވެ.
ލަވަކިޔުންތެރިޔާ އަދި ލަވަލިޔުންތެރިޔާ ޑޭވިޑް އެންތަނީ ބާކް (ޑީފޯވީޑީ) މަރާލިކަމަށް ތުހުމަތުކުރެވޭ ކުއްޖާ
އެލްއޭ ޕޮލިސް ޑިޕާޓްމަންޓްގެ ޗީފް ޖިމް މެކްޑޮނަލް ވިދާޅުވީ، ހަށިގަނޑު އޮތް ހާލަތުގެ ސަބަބުން މަރުވި ސަބަބު ދެނެގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ހެނާންޑޭޒް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ 5 އެޕްރީލް 2024 ގައެވެ. ތަހުގީގުން އެނގޭ ގޮތުގައި، 23 އެޕްރީލް 2025 ގައި ހެނާންޑޭޒް ހުރީ ބާކްގެ ދައުވަތަކަށް އޭނާގެ ހޮލީވުޑް ހިލްސް ގޭގައެވެ. އަދި އެ ދެމީހުންގެ ދެމެދުގައި ޖިންސީ ގުޅުމެއް އޮތް ކަމަށްވެސް ފުލުހުން ބުނެއެވެ.
ބާކްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ފިލައިގެން ހުރެ ހަމަލާދިނުމާއި، މާލީ ފައިދާއަކަށްޓަކައި ކުށް ކުރުން ފަދަ ހާއްސަ ހާލަތްތައް ހިމެނެއެވެ. މި ކުށްތައް ސާބިތުވެއްޖެނަމަ، ޕެރޯލްގެ ފުރުސަތެއް ނެތް އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ އަދަބު އަތުވެދާނެއެވެ. ނަމަވެސް، ހޯމަ ދުވަހުގެ މެންދުރުފަހު ކޯޓަށް ހާޒިރުވެ ބާކް ވަނީ މި ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.
ބާކްގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދައުވާ ކުރަން ނިންމި ނިންމުމާމެދު މާޔޫސްވާ ކަމަށާއި، ނަމަވެސް އޭނާއާއެކު ސާބިތުކަމާއެކު ތިބޭނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބާކްގެ "Withered 2025 World Tour" ގެ ހުރިހާ ކޮންސެޓްތަކެއް މިހާރު ވަނީ ކެންސަލްކޮށްފައެވެ. އޭނާ އަދިވެސް ހުރީ ކަފާލާތުގެ ދަށުން ދޫނުކޮށް ޖަލުގައެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.


