ގައިންގަޔަށް ނާރާ ބަލިތަކުގައި އަހަރަކު %84 މީހުން މަރުވޭ، އަމާޒަކީ މިކަން ކޮންޓްރޯލު ކުރުން: ވަޒީރު ގީލާ
26 އޭޕްރީލު 2026 - 06:42

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 84 އިންސައްތައަށްވުރެ މަތީ އަދަދަކީ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ސަބަބުން މަރުވާ މީހުން ކަމަށާއި، މިކަން ކޮންޓްރޯލު ކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ޞިއްޙަތާއި އާއިލާ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ. އަދި ވ. އަތޮޅުގައި ފެށުމަށާއި، "ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް" ގެ ކޮމިއުނިކޭޝަން ކެމްޕޭން އިފްތިތާހު ކުރުމަށް އިއްޔެ ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ގިލާ ވިދާޅުވީ ދިވެހިންގެ އާދަކާދަތައް ވެސް ހުންނަނީ މިފަދަ ބަލިތަކަށް މަގުފަހިވާ ގޮތަށް ކަމަށެވެ. އަދި މިފަދަ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލު ކުރުމަށް ޓަކައި އެންމެ އެކަށީގެންވާ ނިޒާމަކީ އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމު ނުވަތަ ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، 2022ގެ ސްޓެޕްސް ސަރވޭގެ ރިޕޯޓަށް ހަވާލާދީ ވަޒީރު ވިދާޅުވީ، ޒުވާނުންގެ ތެރެއިން ކޮންމެ 3 މީހަކުން އެކަކު އަދި މެދު އުމުރާއި ދޮށީ އުމުރުގެ ކޮންމެ 2 މީހަކުން އެކަކު ދިރިއުޅެނީ މިފަދަ ބައްޔަކަށް ހުށަހެޅިދާނެ 3 ކަމެއްގެ ތެރޭގައި ކަމަށެވެ.
އަދި މިފަދަ ކަންކަމަށް ހުށައެޅިފައިވާ ގިނަ މީހުންނަށް މިފަދަ ނުރައްކަލެއްގެ ތެރޭގައި ތިބިކަން ނޭނގޭކަން ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
އިބްތިދާއީ ސިއްޙީ ޚިދުމަތް ނުވަތަ ޕްރައިމަރީ ހެލްތު ކެއަރ ނިޒާމަކީ، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް، ބަލިތައް ކުރިއާލާ ދެނެގަތުމަށް ޓަކައި ފަރުމާކޮށްފައިވާ ހަރުދަނާ ނިޒާމެކެވެ. އެގޮތުން، މިހާތަނަށް ރާއްޖޭގެ 13 އަތޮޅެއްގައި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގާފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމެވެ.
މި މަސައްކަތުގެ ދަށުން، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ސިއްޙީ ހާލަތު ދެނެގަތުމަށްޓަކައި، އެމީހެއްގެ މެޑިކަލް ހިސްޓްރީ ހިމެނޭ ގޮތަށް "ޕޭޝަންޓް ރިކޯޑު" އެކުލަވައިލެވޭނެ އެވެ. މީގެ ސަބަބުން، މީހާގެ ސިއްޙީ ހާލަތަށް އަންނަ ބަދަލުތައް މޮނިޓަރކުރުމަށް ފަސޭހަވެގެންދާނެ އެވެ.
މީގެ އިތުރުން، ސިއްޙީ ޚިދުމަތްތެރިން ސީދާ ގޭގެއަށް ޒިޔާރަތްކޮށް، ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު ބައެކެވެ.
ވަޒިރު ގީލާ ވަނީ މި ޕްރޮގްރާމް ކާމިޔާބާއެކު ކުރިއަށްގެންދިއުމަށް އެންމެ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.


