ހަގީގަތް އޮޅޭގޮތަށް ވާހަކަ 'ޓްވިސްޓް' ކުރަން މަސައްކަތް ނުކުރައްވާ: މިނިސްޓަރު ސައީދު
28 އޭޕްރީލު 2026 - 06:08
ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ދަތިވާކަމަށް ބުނެ، ބައެއް މީޑިއާތަކުން ކަންކަން "ޓްވިސްޓް" ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ސަރުކާރުން ވިޔަފާރިވެރިންނާ ވަރަށް ގާތުން ކޮންމެ ދުވަހަކުވެސް މުއާމަލާތް ކުރަމުންދާ ކަމަށެވެ. އެގޮތުން، އިއްޔެ އެކަނިވެސް ހޯމް މިނިސްޓަރު އަލީ އިހްސާން އާއެކު 200 އަށްވުރެ ގިނަ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެފަރާތްތަކަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Ad by Hajj Corporation
މީގެ އިތުރުން، މިދިޔަ ހަފްތާގައިވެސް އަސާސީ ބާވަތްތައް ރާއްޖެ އެތެރެކުރާ ފަރާތްތަކާއި، ބޯޑަރުގެ ކަންކަން ބަލަހައްޓާ ހުރިހާ އެޖެންސީތަކާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި އަޑުތައް އަހާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މިފަދަ މަސައްކަތްތަކުގެ ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.
ވަކިން ހާއްސަކޮށް، ބައެއް މީޑިއާތަކުން ކުރިންވެސް އަމަލުކުރަމުންދިޔަ ބީދައިން، ކަންކަމުގެ ތަސައްވަރު އޮޅޭގޮތަށް ހަބަރު ފަތުރަމުންދާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ބޭފުޅުން ކުރިންވެސް ކުރަމުންދިޔަ ސުވާލުތައް ތަކުރާރުކޮށް ބައެއް ނޫސްވެރިންނާއި މީޑިއާތަކުން ކުރަމުންދަނީ ހަގީގީ މަގުސަދެއް އޮވެގެން ނޫން ކަމަށާއި، އެއީ ސިޔާސީ ބޭނުމެއްގައި ކުރަމުންދާ ކަމެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ހަގީގީ މައުލޫމާތު އޮޅުވާލުމަށް ކުރާ މަސައްކަތްތަކާ މެދު މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.


