މި މަސް ނިމުމުގެ ކުރިން ވަގުތީ ފެން ހިންދާ ނިޒާމުތައް ނިންމަން މަސައްކަތް ކުރަނީ

މަގުތަކުގެ ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ

13 އޮކްޓޯބަރު 2024 - 06:58
މި މަސް ނިމުމުގެ ކުރިން މާލޭގައި އެންމެ ފެން ބޮޑުވާ ސަރަހައްދުތަކުގައި ގާއިމުކުރާ ވަގުތީ ފެން ހިންދާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ނިންމޭނެކަމަށް ލަފާކުރެވޭ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީން ބުނެފިއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މާލޭގައި ފެން ބޮޑުވާ 6 ސަރަހައްދެއްގައި ވަގުތީ ފެން ހިންދާ ނިޒާމުތައް ގާއިމުކުރެވިގެންދާނެކަމަށެވެ.
އައިޖީއެމްއެޗް ކައިރީގައި އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބެހެއްޓި ޑްރެއިން ސިސްޓަމް ނުވަތަ ފެން ހިންދާ ސިސްޓަމް ބޭނުންކުރަން ފެށުމުން ފެންބޮޑެއް ވުމަށް ވަގުތީ ޙައްލެއް ވަނީ ލިބިފައެވެ. އެ ޑްރެއިން ސިސްޓަމް ގެ ބޭނުން މިހާރުވަނީ ކުރަން ފަށާފައެވެ.
މިއީ މާލޭގެ ހުޅަނގު ސަރަޙައްދުގައި، ވަކިން ޚާއްޞަކޮށް ވެސްޓް ޕާކާއި، އައިޖީއެމް ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ފެން ބޮޑުވެ ޢާންމު ދިރިއުޅުމަށް ދަތިވެ، ބައެއް ގެތަކަށް ގެއްލުން ލިބޭތީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ގޮތުން އެކަން ޙައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިސްވެގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމުގައި އެ ވުޒާރާއިން ބުންޏެވެ.
އެ މަޝްރޫއު އާރުޑީސީ އާ ޙަވާލުކުރެވި މަސައްކަތް ފެށިފައިވަނީ މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގައެވެ.
މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ޙައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެމިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސޯޝަލް މީޑިއާ އެކްސް ގައިކުރެއްވި ޕޯސްޓެއްގައި ހާމަކޮށްފައިވެއެވެ.
އިތުރު ލިޔުންތައް

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެއްޖެ
4 މަސް ކުރިން
އެމްއެންޑީއެފުން ޑްރޯންގެ އެހީގައި ރާއްޖެއަށް ވަދެ އުޅުނު ބޭރުގެ މަސް ބޯޓެއް ހިފަހައްޓައިފި
4 މަސް ކުރިން
ބަޖެޓު ކުރިވަރަށް ވުރެ އިތުރަށް ސިފައިންނާއި ފުލުހުންނަށް ޚަރަދުކޮށްފި
3 މަސް ކުރިން